އެމެރިކާގެ ކުރީގެ ރައީސުންނާއެކު އޮބާމާގެ ޕްރިޑެންޝަލް ސެންޓަރު ހުޅުވައިފި

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ޗިކާގޯގައި ބިނާކުރި ޕްރެޒިޑެންޝަލް ސެންޓަރު ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.
މި ކުލަގަދަ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން އާއި ޖޯޖް ޑަބްލިއު ބުޝް އަދި ޖޯ ބައިޑެން ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް، ކުރިން ރައީސްކަން ކުރެއްވި އަދި މިހާރު ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ރަސްމިއްޔާތުން ފެނިފައެއް ނުވެއެވެ.
އުމުރުފުޅުން 64 އަހަރުގެ އޮބާމާ، މި މަރުކަޒު ހުޅުއްވައިދެއްވުމަށްފަހު ދެއްވި ތަގުރީރުގައި އެމެރިކާގެ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އިޝާރާތް ކުރެއްވި އެވެ.
އޮބާމާ ވިދާޅުވީ އެމެރިކާގެ ރައްޔިތުން ބޭނުންވަނީ ދާއިމީ ރުޅިވެރިކަމާއި ބައިބައިވުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުން އެދެނީ އިންސާފާއި، ބުއްދިވެރި ގޮތްތަކާއި އަދި އެކަކު އަނެކަކަށް ކުރާ އިހުތިރާމަށް ކަމަށެވެ. މީގެ އިތުރުން، އެމެރިކާއަކީ ރަސްކަލުން ތިބޭ ގައުމެއް ނޫންކަމަށް ވިދާޅުވެ އޮބާމާ ދެއްވި ބަަސްތަކަށް ހާޒިރުވެ ތިބި މީހުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
މި ރަސްމިއްޔާތަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މަދުން ނޫނީ ނުފެންނަ ފަދަ މަންޒަރެއް ފެނިގެންދިޔަ ވަގުތެކެވެ. ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބައިޑަން އާއި ކްލިންޓަންގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ބުޝް، އޮބާމާއާއެކު އެއް މޭޒަކުން ފެނުމަކީ ގައުމީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.
އޮބާމާގެ ރިޔާސީ ދައުރުގެ ހަނދާންތަކާއި ލިޔެކިޔުންތައް ރައްކާކުރެވިފައިވާ މި މަރުކަޒު ބިނާކޮށްފައިވަނީ ޗިކާގޯގެ ސައުތު ސައިޑްގައެވެ. މިއީ އޮބާމާގެ ސިޔާސީ ހަޔާތް ފެއްޓެވި ސަރަހައްދެވެ. ގާތްގަނޑަކަށް 850 މިލިއަން ޑޮލަރު ހޭދަކޮށްގެން ބިނާކުރި މި ކޮމްޕްލެކްސްގައި 69 މީޓަރު އުސް މިއުޒިއަމް ޓަވަރަކާއި، ބާސްކެޓްބޯޅަ ކޯޓަކާއި، ކުޑަކުދިން ކުޅޭނެ ސަރަހައްދެއްގެ އިތުރުން އާންމު ކުތުބުހާނާއެއް ހިމެނެއެވެ.
އެމެރިކާގެ އެހެން ރިޔާސީ ކުތުބުހާނާތަކާ ހިލާފަށް، މި މަރުކަޒުގައި ހުރިހާ ލިޔެކިޔުންތަކެއް ރައްކާކުރެވިފައި ހުންނާނީ ޑިޖިޓަލްކޮށެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ސްޓީވަން ސްޕީލްބާގް، ޓޮމް ހޭންކްސް އަދި އޯޕްރާ ވިންފްރީ ބައިވެރިވިއެވެ. އަދި ސްޓީވީ ވޮންޑާ އާއި ޔޫ-ޓޫގެ ބޯނޯ ފަދަ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދިޔަ އެވެ.
މި ރަސްމިއްޔާތުގައި ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް އާއި އިޓަލީގެ ކުރީގެ ބޮޑުވަޒީރު މާޓިއޯ ރެންޒީ ބައިވެރިވެރިވެ ވަޑައިގަތެވެ. 
އޮބާމާގެ ރިޔާސީ މަރުކަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ. މި ބިނާއަކީ އޮބާމާގެ ވެރިކަމުގެ މައިގަނޑު ފަލްސަފާ ކަމަށްވާ އުންމީދު ރަމްޒުކޮށްދޭ ތަނެއް ކަމަށް އޮބާމާ ފައުންޑޭޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ