ރާއްޖެއަށް އެތެރެކުރާ މުދާ ބޮންޑެޑް ވެއާހައުސްއަށް ވެއްދުމަށް 12 ދުވަސް ހޭދަވޭ: ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރާ މުދާ ބޮންޑެޑް ވެއާހައުސްއަށް ވެއްދުމުގެ (ބޮންޑް-އިން) މަރުހަލާ ފުރިހަމަކުރުމަށް އާންމުގޮތެއްގައި 12 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ "މޯލްޑިވްސް ޓައިމް ރިލީޒް ސްޓަޑީ 2025" ގެ މުހިންމު ހޯދުންތަކަށް ބަލާއިރު، މުދާ ހިފައިގެން އަންނަ އުޅަނދު ރާއްޖެއަށް އައުމާ ހަމައިން ފެށިގެން ޑިކްލަރޭޝަން އެސެސްކޮށް ނިމުމާ ހަމައަށް ޖުމްލަ 12 ދުވަހާއި، 9 ގަޑިއިރާއި 40 މިނެޓު ހޭދަވެއެވެ. މި ދިރާސާއަކީ ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ހޭދަވާ ވަގުތު ދެނެގަތުމަށް ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ދިރާސާއެކެވެ.
މި މަރުހަލާގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ވަގުތު ހޭދަވަނީ މުދާ ބޮންޑަށް ބަލައިގަތުމުގެ މަރުހަލާއަށެވެ. އެގޮތުން މުދާ ބަދަލުކޮށް ނިމުމަށްފަހު، ކާގޯ އެކްސެޕްޓެންސް ނުވަތަ ބޮންޑަށް ބަލައިގަތުމާ ދެމެދު 4 ދުވަހާއި 2 ގަޑިއިރާއި 4 މިނެޓު ހޭދަވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މުދާ ޓެލީކުރުމަށްފަހު އެ މުދާ ބަދަލުކުރުމުގެ (ޝިފްޓިންގ) މަރުހަލާއަށް 3 ދުވަހާއި 2 ގަޑިއިރާއި 35 މިނެޓު ހޭދަވެއެވެ.
ކަސްޓަމްސްއިން މި މައުލޫމާތުތައް އާންމުކޮށްފައިވަނީ އެ އިދާރާގެ ރަސްމީ ސޯޝަލް މީޑިއާ މަންސަތަކުގައެވެ. މި ދިރާސާގެ ބޭނުމަކީ މުދާ ކްލިއާ ކުރުމުގެ މަރުހަލާތަކުގައި ހުރި ދަތިތައް ދެނެގަނެ، ހިދުމަތް އަވަސްކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ