ޑްރަގް އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މަރުވުން: "ތަހުގީގު ދަނީ އަދިވެސް ކުރިއަށް"

މިމަހުގެ 11 ވަނަ ދުވަހުގެ ރޭ އޮޕަރޭޝަނެއްގައި ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދަނިކޮށް ފުލުހަކު މަރުވި ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ފުލުހުންގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން އާސިފް ގެއްލިގެން ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. https://sun.mv/223174 އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ލޯންޗް ކައިރީ މޫދު އަޑިންނެވެ. އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން "ސަން" އަށް މިއަދު ބުނީ، އާސިފް މަރުވި ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށެވެ. ނަމަވެސް، އެއީ ކޮން ކަހަލަ އޮޕަރޭޝަނެއް ކަމެއް އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް މަރުވި އާސިފްގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ފުލުހުންގެ މުއައްސަސާއިން ވަނީ އޭނާއަށް ޝަރަފުގެ ކުރިއެރުން ވެސް ދީފައެވެ. އެގޮތުން އޭނާއަށް ވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކް ދީފައެވެ. https://sun.mv/223188 ފުލުހުން ފާހަގަކުރި ގޮތުގައި މިއީ އޭނާ ކުރި އިހުލާސްތެރި ހިދުމަތާއި މަސައްކަތުގައި ދެއްކި ނަމޫނާގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ކުރިއެރުމެކެވެ. ފުލުހުންގެ މުއައްސަސާއިން ބުނީ އާސިފް ވަކިވެދިއުމަކީ މުއައްސަސާއަށާއި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ