ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) ވާހަކައަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް ރިޔާސަތު ކުށްވެރިކުރުމުން އެއީ ޖާގަ އޮތް ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެންމެ ފުރަތަމަ ބަހުސް ކުރީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނަށެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލި ބިލެކެވެ. ޓްރާންސްޕްލާންޓް ކުރާ ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް މަޖިލީހުން ބިލަށް ގެނައި އިސްލާހުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
އެ ބިލު އަނބުރާ ފޮނުވާލުމުން ކުރި ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިފަދަ މުހިންމު ބިލެއް މަޖިލީހުން ފާސްކުރިއިރު ބަލަން ޖެހޭ މިންވަރަށް ބަލާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ޕީއެންސީގެ މެންބަރުން ބިލަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި ބެއްލެވީ ސިޔާސީ ގޮތުން އެމްޑީޕީގެ މެންބަރުންނަށް ރައްދު ދިނުމަށެވެ.
ޖަނާބަށް ލިބުނު ފުރުސަތުގައި އޭނާ ދެއްކެވި ވާހަކައިގައި ވަނީ އެމްޑީޕީން އެފަދަ ބިލެއް ވެސް ހުށަނާޅާ ކަމަށް ވިދާޅުވެފަ އެވެ. ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލަކީ ޝަރުއީ ގޮތުން ބަލަން ޖެހޭ ކަންކަން ހުރި ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކި ހިސާބަކުން ޖަނާބު ވަރަށް ބޮޑަށް ރުޅި ދުރުވެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާ ދިމާލަށް އިނގިލި ދިގުކޮށް ވާހަކަ ދައްކަވަން ފެއްޓެވި އެވެ. އިޒްރޭލު ޑޮކްޓަރުން އައިސް ދިވެހި ރައްޔިތުންގެ ލޮލުގެ ކޯނިއާ ވަގަށް ނެގިއިރު އެމްޑީޕީ މެންބަރުން ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"ކޮބައިތޯ މެންބަރުން، އެކަހަލަ މުޑުދާރު އަމަލުަ ކުރިޔަނުދިނުމަަށްޓަކައި، އެ ފުރުސަތު ގެއްލުވާލާނަން އަޅުގަނޑުމެން. އެހެންވެގެން މި ދަންނަވަނީ،" ވަރަށް އަޑަށް ބާރުލައްވައި ފިއްޓޭއާ ދިމާލަށް އިނގިލި ދިގުކޮށް ޖަނާބު ޖަދަލު ކުރެއްވި އެވެ.
އެ ވަގުތު ފިއްޓޭ ނިޒާމީ ނުކުތާއެއް ނެންގެވުމުން އެ ފުރުސަތު ދެއްވުމަށް އަބްދުއްރަހީމް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި އިށީނދެވަޑައިގަތުމަށް ޖަނާބުއަށް ދަންނަވާފަ އެވެ. އެ ވަގުތު ވެސް ޖަނާބު ގެންދެވީ ރިޔާސަތާ ދިމާލަށް އިނގިލި ދިއްކޮށް އަޑުގަދަ ކުރައްވަމުންނެވެ.
"މަޖިލީހުގައި ކޮންމެ އިއްޒަތްތެރި މެންބަރަކު ވާހަކަފުޅު ދެއްކެވި ނަމަވެސް ރިޔާސަތުން މަޑުކޮށްލަން ދެންނެވީމާ މަޑުކޮށްލުމަކީ ގަވާއިދުގައި އޮންނަ ގޮތް. އަޅުގަނޑު ތަކުރާރުކޮށް މަނިކުފާނު އަރިހުގައި ދެންނެވިން އިހަށް މަޑުކޮށްލަދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފިއްޓޭގެ ނިޒާމީ ނުކުތާއަށް އަބްދުއްރަހީމް ފުރުސަތު ދެއްވުމުން އޭނާ ވަނީ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވާއިރު ރިޔާސަތާ ކުރިމަތިލާން އޮންނަކަން ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑު ގައުމުގައި ވެސް ވެރިކަން ކުރި މީހެއް ނޫން، އަޅުގަނޑާ ދިމާލަށް ބަލާތީ ބިރުން ފާހަގަކޮށްލީ މި،" ޖަނާބުގެ އަމަލުތަކަށް ނިސްބަތްކޮށް ފިއްޓޭ ނިޒާމީ ނުކުތާގައި ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި އެއް މެންބަރު އަނެއް މެންބަރަށް އިޝާރާތް ކުރައްވައި، ހަމަލަ ދެއްވައި، ރައްދު ދެއްވައި ވާހަކަ ދެއްކުމަކީ މަޖިލިސް ގަވާއިދު ހުއްދަ ދޭ ކަމެއް ނޫން،" އެ ނިޒާމީ ނުކުތާ ބަލައިގަންނަމުން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ނިޒާމީ ނުކުތާ ބަލައިގަތުމަށް ފަހު ރިޔާސަތުން ބަހުސް ކުރުމުގެ ފުރުސަތު ދިނީ ފިއްޓޭއަށެވެ. ފިއްޓޭގެ ވާހަކައަށް ފަހު ޖަނާބު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ.
"އަޅުގަނޑު ޝަރުއީ ގޮތުން ވަރަށް މުހިންމު ވާހަކަތަކެއް، ބިލާ ގުޅޭގޮތުން، ރައްޔިތުންނާއި މެންބަރުންނަށް ކިޔައިދެއްވަން އުޅުއްވަނިކޮށް އަޅުގަނޑު ހުއްޓުވީތީ އެކަން ކުށްވެރިކުރާ ވާހަކަ ދަންނަވަން،" ޖަނާބު ވިދާޅުވި އެވެ.
އެ ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވަނީ މެންބަރަކު ވާހަކަ ދައްކަވަނިކޮށް އިތުރު މެންބަރަކު ނިޒާމީ ނުކުތާއެއް ނަގައިފި ހާލަތެއްގައި އެ މެންބަރެއްގެ ވާހަކަ މެދުކަނޑާލުމަށް ފަހު ނިޒާމީ ނުކުތާއަށް ފުރުސަތު ދިނުމަށް ގަވާއިދު ތަންދޭ ކަމަށް ވިދާޅުވެފަ އެވެ.
"ރިޔާސަތަށް އެގޮތަށް ފެނިގެން އެކަން ކުރީ. އެއީ އެއްގޮތަކަށް ވެސް މަޖިލީހުގެ މެންބަރުންނަށް ކުށްވެރިކުރަން ޖާގަ ގަވާއިދުން ދޭ ކަމެއް ނޫން ކަމުގައި ދަންނަވަން،" އަބްދުއްރަހީމް ރައްދު ދެއްވި އެވެ.
އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ޕީއެންސީން ވަނީ ހުށަހަޅާފަ އެވެ.
ގަވާއިދާ އެއްގޮތަށް ނިޒާމީ ނުކުތާއެއް ދިނުމުން ޖަނާބު ރުޅިގަދަވެ، ރިޔާސަތު ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ