ސަރުކާރުގެ ބޯހިޔާވަހިކަމަށް އެދި ބައި ލައްކައަށް ވުރެ ގިނަ މީހުން ފޯމު ލައިފި

ސަރުކާރުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވިއިރު 58،000 ވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް 'އާއިލީ ބޯހިޔާވަހިކަން' އަދި 'ގޯތިގެދޮރު' ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 18 ޖެނުއަރީ 2026 ގައެވެ.
އެކި ފަހަރު މަތިން ސުންގަޑި އިތުރުކުރުމަށްފަހު އެ ފުރުސަތު ހަމަވީ 15 ޖޫންގެ ނިޔަލަށެވެ.
ތަފްސީލު - ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
އާއިލީ ބޯހިޔާވަހިކަން ސްކީމުގެ ދަށުން:
ފްލެޓަށް އެދި - 35،818 އެޕްލިކޭޝަން
ގޯއްޗަށް އެދި - 9،826 އެޕްލިކޭޝަން
ގޯތިގެދޮރު ސްކީމުގެ ދަށުން:
ފްލެޓަށް އެދި - 112 އެޕްލިކޭޝަން
ގޯއްޗަށް އެދި - 12،749 އެޕްލިކޭޝަން
އެނގުން މުހިއްމު - މާލޭގެ ރަށްވެހިންނަށް ބިން ދޫކުރަން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަދި މާލޭގައި ދިރިއުޅޭ، ޝަރުތު ފުރިހަމަވާ އެހެން ރަށްރަށުގެ މީހުންނަށް ބިން ދޫކުރަނީ ހަމައެކަނި ރަސްމާލެއިންނެވެ.
ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 1،250 އަކަފޫޓުގެ 15،000 ގޯއްޗާއި 7،900 ފްލެޓު ދޫކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ