އޯލެވެލް ނިމޭ ދަރިވަރުންނަށް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ޔޫޑަބްލިޔުސީއިން ސްކޮލާޝިޕްގެ ފުރުސަތަށް ހުޅުވާލައިފި

އޯލެވެލް ފެންވަރުގެ ކިޔެވުން ނިންމާ ދިވެހި ކުދިންނަށް މަތީ ސާނަވީ ތަޢުލީމު ހާސިލްކުރުމަށް ޔޫޑަބްލިއުސީ މޯލްޑިވްސް އިން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ޔޫޑަބްލިއުސީ މޯލްޑިވްސް އިން ބުނީ މިއީ ގްރޭޑް 10 ނިންމާ, ނުވަތަ ނިންމުމުގެ މަރުހަލާގައިވާ އުމުރުން 15 އާއި 17 އަހަރުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ހިންގާ ސްކޮލާޝިޕް ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ހޮވޭ ދަރިވަރުންނަށް ދުނިޔޭގައި ނަންހިނގާ ބައިނަލްއަގްވާމީ ސްކޫލްތައް ކަމަށްވާ ޔުނައިޓެޑް ވާލްޑް ކޮލެޖް ނުވަތަ ޔޫޑަބްލިއުސީގައި ކިޔެވުމަށް މާލީ އެހީ ދެވޭނެ ކަމަށް ޔޫޑަބްލިއުސީ އިން މައުލޫމާތުދީފައިވެއެވެ. ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސިލެކްޝަންސް ކޯޑިނޭޓަރު ސުހާ އަހްމަދު ވިދާޅުވީ މިއީ ދިވެހި ދަރިވަރުންނަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. "މިއީ ދިވެހި ދަރިވަރުންނަށް އޮތް ރަނުގެ ފުރުސަތެއް. މިއީ އެ ކުދިންގެ މުޅި ހަޔާތް ބަދަލުކޮށްލާނެކަހަލަ ކަމެއް. ސަބަބަކީ ޔޫޑަބްލިއުސީ ސްކޫލުތަކުގައި ކިޔެވުމަކީ ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމަށްވެސް ހުޅުވޭ ދޮރަކަށްވާތީ،" ސުހާ ވިދާޅުވެފައިވެއެވެ. ޔޫޑަބްލިއުސީއަކީ 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އަމާންކަމާއި ސުލްހައަށް ތައުލީމަކީ ބިންގަލެއް ކަމުގައި ދެކި، މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދި ސްކޫލް ނުވަތަ ކޮލެޖުތަކެކެވެ. މިއަދު ދުނިޔޭގެ އެކި ގައުމުތަކުގައި ޖުމްލަ 18 ޔޫޑަބްލިއުސީ ކޮލެޖް ހުރެއެވެ. މި ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން މިހާރުވެސް ދިވެހި 5 ދަރިވަރުން ޖަރުމަންވިލާތު، ކެނަޑާ، އިންޑިއާ، ހޮންކޮންގް އަދި ދެކުނު އެފްރިކާގެ އެސްވަޓީނީގައި ކިޔަވަމުން އެބަދެއެވެ. ޔޫޑަބްލިއުސީގައި ދަރިވަރުން ފުރިހަމަ ކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއެވެ. އައިބީ އަކީ އޭލެވެލް އާއި އެއް ފެންވަރުގެ އަދި ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކާއި ދިވެހިރާއްޖޭގެ ކޮލިފިކޭޝަންސް އޮތޯރިޓީން ވެސް ގަބޫލުކުރާ ދެ އަހަރުގެ ކޯހެކެވެ. ޔޫޑަބްލިއުސީ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ޔޫޑަބްލިއުސީ ސްކޫލުތައް ތަމްސީލުކުރާ ގައުމީ ކޮމިޓީއެވެ. އެ ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ސްކޮލާޝިޕް ފުރުސަތު ހުޅުވާލައި ޔޫޑަބްލިއުސީތަކަށް ދިވެހި ދަރިވަރުން ފޮނުވައެވެ. މި ޖަމިއްޔާއިން ބުނީ 2001 ވަނަ އަހަރުން ފެށިގެން 65 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ސްކޮލާޝިޕްގައި ޔޫޑަބްލިއުސީ ސްކޫލުތަކުގައި ތައުލީމު ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ޔޫޑަބްލިއުސީގެ ދެ އަހަރު ފުރިހަމަކުރި ގާތްގަނޑަކަށް ހުރިހާ ދިވެހި ދަރިވަރުން ވެސް މަތީ ތައުލީމު ހާސިލްކުރުމަށް އިތުރު ސްކޮލާޝިޕް ހޯދާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ ތެރެއިން ގިނަ ކުދިން ކިޔެވީ ނުވަތަ ކިޔަވަމުން ދަނީ އެމެރިކާގެ އެންމެ މޮޅު ޔުނިވާސިޓީތަކުގައިކަން ޔޫޑަބްލިއުސީ އިން ފާހަގަކޮށްފައިވެއެވެ. މިއަހަރު ހުޅުވާލާ ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ ޑިސެމްބަރު 15 އެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑު ކުރުމަށް ޔޫޑަބްލިއުސީ މޯލްޑިވްސްގެ ވެބްސައިޓް އަށް ވަނުމަށް އެ ޖަމިއްޔާއިން އެދިފައިވެއެވެ. މި ސްކޮލާޝިޕް ފުރުސަތަށް ފޯމު ހުށަހަޅާއިރު ފުރިހަމަވާންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތުވެސް މި ވެބްސައިޓްގައި ޝާއިރުކުރެވިފައިވާނެ ކަމަށް ޔޫޑަބްލިއުސީ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ