އައްޑޫ ވޯޓު: ކިތަންމެ މަދު ބަޔަކު ވޯޓުލި ނަމަވެސް ގާނޫނު އޮތް ގޮތުން އަމަލުކުރަން ޖެހޭނީ ވޯޓު ދިން މީހުންގެ އަގުލަބިއްޔަތަށް! އައްޑޫ ވޯޓު: ކިތަންމެ މަދު ބަޔަކު ވޯޓުލި ނަމަވެސް ގާނޫނު އޮތް ގޮތުން އަމަލުކުރަން ޖެހޭނީ ވޯޓު ދިން މީހުންގެ އަގުލަބިއްޔަތަށް!

ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކިތަންމެ މަދު ބަޔަކު ވޯޓުލާން ނުކުތަސް ވޯޓު ސައްހަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފި އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ވޯޓުގައި ބައިވެރިވުމަށް ރީ-ރެޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހަމަވެފައިވާއިރު ވޯޓުލާން ރީ-ރެޖިސްޓްރީ ކުރީ 255 މީހުންނެވެ.
އިންތިހާބަށް ތަރުހީބު ކުޑަވިޔަސް އީސީން އަމަލުކުރާނީ ގާނޫނުގައި އޮތް ގޮތަށް އެ ކޮމިޝަނުން މައުލޫމާތު ދެ އެވެ. ގާނޫނުގައި ވަކި އަދަދެއް ނޯންނަ ކަމަށާއި ވޯޓުލާން ނުކުމެ ވޯޓުލީ މީހުންގެ މެޖޯރިޓީ ލިބޭ ގޮތަކަށް އަމަލުކުރާނެ ކަމަށް އީސީން ބުނެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގައި އިންތިހާބެއް ސައްހަވުމަށް ވަކި އަދަދެއްގެ މީހުން ވޯޓުލާން ޖެހޭނެ ކަމަށް ކަނޑައަޅާފައި ނުވެ އެވެ.
އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް އޮކްޓޫބަރު 9، 2010، ގައި ނެގި ވޯޓުގައި ވޯޓު ލުމުގެ ހައްގު 21،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައި އޮތަސް، މި ވޯޓުގައި ބައިވެރިވީ 4706 މީހުންނެވެ.
އެ ފަހަރު ވޯޓުގައި ބައިވެރިވީ މީހުންގެ ނިސްބަތަކީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ އެންމެ 21 ޕަސެންޓެވެ. އަދި 54 ޕަސެންޓު ވޯޓާ އެކު އަގުލަބިއްޔަތު ލިބުނީ އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އޮވެ ސިޓީ ކައުންސިލެއް އުފައްދާށެވެ.
އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީއަށް ރެޖިސްޓްރީވެފައިވާ 35،359 ދިވެހިން އެބަތިއްބެވެ. އެ ސިޓީގައި ދިރިއުޅޭ އާބާދީއަކީ 25،062 އެވެ. އޭގެ ތެރެއިން 20،000 ހާހަކަށް މީހުންނަކީ ދިވެހިން ކަމަށްވާއިރު ބިދޭސީންގެ އާބާދީއަކީ ގާތްގަނޑަކަށް 5،000 އެވެ.
ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ