ކައިވެންޏަށްފަހު ބައިވެރިޔާއަށް ކުރެވޭ އެންމެ ބޮޑު އަނިޔާ-

އަނިޔާ ދެކެ އެންމެންވެސް ރުޅި އައުދެއެވެ. އަނިޔާވެރިކަމަށް ނަފްރަތުވެސް ކުރެއެވެ. ނަމަވެސް ގިނަ ބައަކު އަނިޔާއަކީ ކޮބައިކަމާއިމެދު ވިސްނައިވެސް ނުލާކަން ވަރަށް ދެރައެވެ.
ގިނަ ބައަކަށް އަނިޔާ މާނަކުރެވެނީ ވަރަށް ހަނިގޮތަކަށެވެ. އަނިޔާކުރުމަކީ ހަމައެކަނި ޖިސްމާނީ އަނިޔާކުރުން ކަމަށެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ ޖިސްމާނީ އަނިޔާއަކީ ކުރެވޭ އެންމެ ކުޑަ އަނިޔާއެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ހަޔާތުގެ ބައިވެރިޔާއަށް މަކަރުހެދުމާއި އަނިޔާވެރިވުމަކީ ކުރެވޭ ވަރަށް މޮޅު ކަމެއް ކަމަށެވެ. އެކަމުން ލިބޭ ހިތްހަމަޖެހުމަކީ ވަރަށް މަތީ ހިތްހަމަޖެހުމެއް ކަމަށެވެ. ނަމަވެސް ކީރިތި ޤްރުއާނުން މިކަން އެގެން އޮތީ އެހެނަކުން ނޫނެވެ. އަނިޔާވެރިވާ މީހާ އަނިޔާވެރި އެވަނީ އަދި މަކަރު ހަދާ މީހާ އެ މަކަރު ހަދަނީ އެމީހެއްގެ އަމިއްލަ ނަފްސަށް ކަމަށް ކަމުގައިވާތީއެވެ.
އަނިޔާ ލިބިގަތުމުގައި ދެމަފިރިން އެކަކު އަނެކަކަށް ވަރަށް ބޮޑު ކުށެއް ކުރެއެވެ. އެއީ ތިމާއަށް ލިބެމުން މިދާ އަނިޔާއަކީ ތިމާއަށް ޙައްޤު އަނިޔާއެއް ކަމަށް ޤަބޫލުކުރުމެވެ. ﷲ ގަންދީ ބުނަމެވެ. އެއްވެސް މީހަކީ އަނިޔާ ލިބިގަންނަން އެއްވެސް ގޮތަކުން ޖެހޭނެ މީހެއް ނޫނެވެ. ތިމާއަށް ކުށެއް ކުރެވިފައި އޮވެދާނެއެވެ. ކުށެއް ކުރެވިފައި އޮތް ނަމަވެސް އަނިޔާއަށް ކެތްތެރިވުމެއް ނެތެވެ. ކުށަށް ތައުބާވާނީއެވެ. ހަމައެއާއިއެކު އަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތްކުރަން ޖެހޭނެއެވެ. އަނިޔާ ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. ވީމާ އަނިޔާ ލިބިގަންނަ މީހެއްގެ ގޮތުގައި ކެތްތެރިވެގެން ހުންނާކަށްވެސް ނުޖެހޭނެއެވެ.
ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ އެންމެ މުހިންމު ޙައްޤަކީ އެމީހެއްގެ ނަފްސް ދިފާޢުކުރުމުގެ ޙައްޤެވެ. ވީމާ ތިމާ އާއި ތިމާގެ ދަރިން އަނިޔާއިން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައި ހަދަންޖެހޭނެއެވެ.
ކައިވެނިކުރަނީ އުފަލުގައި ދިރިއުޅޭށެވެ! އެއީ އެއްވެސް ޙާލެއްގައި އެކަކު އަނެކަކަށް އަނިޔާވެރިވުމަށް މަގުފަހިކުރަން ކުރާ ކަމެއް ނޫނެވެ. ވީމާ ޒަވާޖީ ހަޔާތުގައި އެއްވެސް މީހެއްގެ ކިބައިން އަނެކާއަށް އަނިޔާ ލިބެމުންދާ ނަމަ އަނިޔާއަށް ކެތްކޮށްގެން އެކުގައި ދިރިއުޅެން މަސައްކަތްކުރުމަކަށް ނުބުނާނަމެވެ!
މީގެ މާނައަކީ ކަމެއް މެދުވެރިވާއިރަށް ވަގުތުން ދެމަފިރިން ވަކިވުމެއް ނޫނެވެ. އަނިޔާވެރިކަން ކުރިއަށް ދާނަމަ ފުރަތަމަ ކަމަކީ އެކަން ޙައްލުކުރަން މަސައްކަތްކުރުމެވެ. ދެމަފިރިންނަށް ޙައްލު ނުކުރެވޭނަމަ ޢާއިލާގެ މީހުންގެ އެހީތެރިކަން ހޯދާށެވެ! އަދި އެވަރުންވެސް ހައްލު ނުކުރެވޭނަމަ ހެޔޮ ލަފާ ތަޤްވާވެރި އެކުރިންގެ އެހީތެރިކަން ވެސް ހޯދާށެވެ! ކައިވެނި ރޫޅައިލުމާއި ހަމައަށް ގެންދަން ޖެހޭނީ އެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހުގައެވެ. ޚާއްޞަކޮށް އިސްތިޚާރާ ނަމާދުވެސް ކުރުމަށްފަހުގައެވެ.
މިކަމުގައި ބަލަންވީ ހަމައެކަނި އަންހެނުންނަކަށް ނުވަތަ ފިރިހެނުންނަކަށް ނޫނެވެ. ކުރިން ބުނި ފަދައިން އަނިޔާއަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫނެވެ. ނަފްސާނީ އަނިޔާއަކީ ވެސް އަނިޔާއެވެ. ބޭވަފާތެރިވުމާއި ނުކިޔަމަންތެރިވުމަކީވެސް އަނިޔާއެވެ! ޢާންމު ގޮތެއްގައި ޖިސްމާނީ އަނިޔާ އާއި ހަމައަށް ކަންކަން ދަނީ ދެންހުރި އަނިޔާތަކުގެ ސަބަބުންނެވެ! އަދި ޤަބޫލުކުރަން ޖެހޭނެ ކަމަކީ ކޮންމެ އަނިޔާއަކީވެސް ފާފައެއް ކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމެވެ.
މުޖުތަމައުން އަނިޔާ ފިލުވައި ނުލެވިގެން މިއުޅެނީ އަނިޔާ އެހައި ހަނިކޮށް މާނަކުރާތީއެވެ. ވީމާ ފުރަތަމަވެސް ކުރަން އޮތް ކަމަކީ އަނިޔާގެ މާނަ ދަސްކުރުމެވެ. އަނިޔާވެރި ހުރިހާ ޢަމަލުތަކުން ދުރުހެލިވުމެވެ.
- ޑރ. ޔާސިރް ޤާޟީގެ ޚުޠުބާއަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ