ބައްސާމަށް އަދަބު ބޮޑުވާހެން ދައުވާއެއް އިސްލާހުކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވީކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަދަބު ބޮޑުވާނެހެން، އެ އަދުވާ އިސްލާހުކޮށްފިއެވެ. އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވީ މައްސަލަ ސާބިތުވެ، ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ މި މަހުގެ އަށެއްގައެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގައި މިހާރު ދަނީ އެ ދައުވާތަކުގެ ޝަރީއަތް ހިންގަމުންނެވެ. https://sun.mv/212400 ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އިސްލާހުކޮށްފައިވަނީ ފީފާއިން ފޮނުވި ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ. އެ މައްސަލައިގައި ދައުލަތުގެ ދައުވާ ފޯމަށް އިސްލާހު ގެންނަން ޝަރިއަތުން ހުއްދަދިނީ، ބައްސާމްގެ ދިފާއީ ވަކީލުން އެކަމަށް އިންކާރުކުރަމުން ދަނިކޮށެވެ. މިއީ، އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތެރެއިންނެވެ. މިހާރު ޝަރިއަތް ފެށިފައިވާ މި ދައުވާގައި ދައުލަތުން އަދަބު ބަޔާންކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ ޚިޔާނާތްވި މުދަލުގެ އަގު 50،000ރ. އަށްވުރެ މަތިވާ ނަމަ، ނުވަތަ ވަގަށްނެގި މުދަލަކީ، ހަތިޔާރެއް ނުވަތަ އިންޖީނުލީ ދުއްވާއެއްޗެއް ނުވަތަ އިންޖީނުލީ ދޯންޏެއް ނުވަތަ އެ ނޫން ވެސް އިންޖީނު އެޅި އުޅަނދެއްކަމުގައިވާ ނަމަ، އެ ކުށަކީ، ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށް ލުމެވެ. މި މައްސަލާގައި ދައުލަތުން އެދުނީ ބައްސާމް ޚިޔާނާތްތެރިވި ފައިސާގެ އަދަދު 500،000ރ. އަށް ވުރެ މަތި ކަމަށްވާތީ ކުށް ބަޔާންކުރާ މާއްދާއަކީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރަށް ބަދަލު ކުރުމަށެވެ. އެ މާއްދާގައި ބުނަނީ ޚިޔާނާތްތެރިވި މުދަލުގެ އަގު 500،000ރ. އަށް ވުރެ މަތިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށް ލުމެވެ. ބައްސާމްގެ މައްޗަށް މިހާރު ސާބިތުވެފައިވާ ދައުވާ ކުރީ، ޑޮލަރު މާރުކުރުމުގެ ނަމުގައި ބައްސާމްގެ އަމިއްލަ އެކައުންޓުން އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ޖަމާކޮށްފައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނުދައްކާތީއެވެ. އެކަން ހިނގީ 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ، ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ