ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.
އެމްއޭސީއެލްއާ ހަވާލުކުރީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އިތުރުން ލ. ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށެވެ.
ލ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފް އެވެ.
ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 114 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 2،800 މީޓަރުގެ ދިގު ރަންވޭއެއް ހެދިގެންދާނެ ކަމަށެވެ.
"އެއާޕޯޓް ތަރައްގީކުރުމަށް އިންޓަނޭޝަނަލް ފެންވަރުގެ 2،800 މީޓަރު ދިގު ރަންވޭއެއް ހެދިގެންދާ އިންޓަނޭޝަނަލް އެއާޕޯޓެއް. މިހާރު ކައްދޫގެ ހުރި އެމްއެންޑީއެފް މަރުކަޒު އެހެން ތާކަށް ބަދަލުކުރަން ނުޖެހޭގޮތަށް އެއާޕޯޓް ހެދިގެންދާ ގޮތަށް ބިން ހިއްކެނީ. މި އެއާޕޯޓުގެ ބޭނުމަށް މި ތަރައްގީ ބޭނުމަށް 114 ހެކްޓަރު ހިއްކޭނެ،" މުއިއްޒު ވިދާޅުވި އެވެ.
އެމްއޭސީއެލްއާ ފޮނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ފޮނަދޫއަށް 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓުގެ އިތުރުން ފޮނަދޫއަށް ބިން އިތުރު ކުރުމަށް ބޭނުންވާ ބަންޑުވޯލް ފަސް މަސް ދުވަހުން ޖަހައި، ޑްރެޖަރުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް އަހަރެއް ތެރޭގައި ނިމޭނެ ކަމަށެވެ.
މީގެ އިތުރުން ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިއަދުން ފެށިގެން ކުރިއަށް އޮތް ގާތްގަނޑަކަށް ތިން އަހަރު ތެރޭގައި، 36 މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިންމުން އެއާޕޯޓުގެ. އެންމެ ގިނަވެގެން. އެއަށްވުރެ ކުރިއަށް ވެސް ނިންމޭތޯ އެމްއޭސީއެލްއިން މަސައްކަތް ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
ލ. ކަައްދޫގައި އެއާޕޯޓެއް އޮންނައިރު އެ އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ދަތުރުގެ ތެރޭގައި ވެސް އެ އެއާޕޯޓު އަޅާނެ ތަނެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ