ސެންޓާ އެންޓްޕްރައިސާސްގެ މައްސަލަ އޭޖީން ފުލުހުންނަށް ހުށަހަޅައިފި ސެންޓާ އެންޓްޕްރައިސާސްގެ މައްސަލަ އޭޖީން ފުލުހުންނަށް ހުށަހަޅައިފި

ކޯޓަށް އޮޅުވާލުމަށް ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް ބެލެވޭތީ ސެންޓަ އެންޓަޕްރައިސާސްއިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ސެންޓާ އެންޓަޕްރައިސާސްއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓަށް ރިއާޔަތްކޮށް އެ އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.
"މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރައްވައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދި މި އޮފީހުން މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފިން،" އޭޖީން ބުންޏެވެ.
ސެންޓަ އެންޓަޕްރައިސާސް އުފެއްދީ އެޕްރީލް 13، 2006، ގަ އެވެ. އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ އުފުލީ 2006 އިން 2021 އަށް ފޯރުކޮށްދިން ތަކެއްޗަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އެވެ. ތަފާތު ހަ މައްސަލައެއް 2020 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ހުށަހަޅާފައިވެ އެވެ.
ޖުމުލަ 175،155،034ރ. ގެ މުދާ ދައުލަތަށް ފޯރުކޮށްދިނުމުން ފައިސާ ނުލިބޭ ކަމަށް ބުނެ ސެންޓަ އެންޓަޕްރައިޒަސްއިން ހަ މައްސަލައެއް ކޯޓަށް ވައްދާފައިވެ އެވެ. އެ މައްސަލަތަކުގައި ޖޫރިމަނާ ފައިސާ ހިމަނައިގެން 410،391،976ރ. ދައުލަތުން ނަގައިދިނުމަށް އެ ކުންފުނިން ދައުވާތަކުގައި އެދިފައިވެ އެވެ.
ނަމަވެސް، އެ ކުންފުނީގެ 2008، 2009 އަދި 2010 ވަނަ މާލީ އަހަރުގެ އޮޑިޓު ކުރެވިފައިވާ މާލީ ބަޔާންތަކުގައި އެ ކުންފުނީގެ ވިޔަފާރިއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ގޮތުގައި ހޯދަން ދައުވާކުރި ފައިސާއާ ގާތްކުރާ މިންވަރުގެ އަދަދެއް ވެސް ހިމަނާފައި ނުވެ އެވެ. ނުލިބި ހުރި ފައިސާ ކަމަށް ރެކޯޑުތަކުން ދައްކަނީ 11،756،510ރ. އެވެ. އެއީ ހޯދަން ދައުވާކުރި ފައިސާގެ ގާތްގަނޑަކަށް 2.8 ޕަސެންޓެވެ.
އޮޑިޓު ރިޕޯޓުގައި މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) އަށް ފޯރުކޮށްދިން ސިއްހީ އާލާތްތަކާއި ކޮންސިއުމަބަލްސްގެ އަގަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނާ މައްސަލަ އެވެ.
ސެންޓަ އެންޓަޕްރައިޒަސްއިން އެދުނީ ބަދަލުގެ ގޮތުގައި 79،404،534ރ. ނަގައިދިނުމަށެވެ. މި ދައުވާ އުފުލީ ފެބްރުއަރީ ހަތެއް، 2022 ގަ އެވެ. މާޗު 28، 2023 ގައި ސިވިލް ކޯޓުން ހުކުމް ކުރީ އޭގެ ތެރެއިން 31،017،499ރ. ދައުލަތުން އެ ކުންފުންޏަށް ދިނުމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ފެބްރުއަރީ 11، 2025 ގައި ނިންމީ ވެސް ސެންޓަ އެންޓަޕްރައިޒަސް އާ އެއްކޮޅަށެވެ.
މި މައްސަލާގައި ސެންޓަ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ބައެއް ލިޔެކިޔުންތަކުގައި ޑީއެމްއެސްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި "އައިޝަތު ހަލީމް" ގެ ނަމުގައި ސޮއިކޮށްފައި ހުރި ނަމަވެސް އެ ނަން ކިޔާ މުވައްޒަފަކު އެއްވެސް އިރެއްގައި ޑީއެމްއެސް ނުވަތަ ހެލްތު މިނިސްޓްރީގައި ވެސް މަސައްކަތް ކޮށްފައި ނުވާކަން އޮޑިޓަށް ވަނީ ހޯދިފަ އެވެ. އަދި، މަގާމުގެ ނަން ވެސް އެކި ނަންނަމުގައި ބޭނުންކޮށްފައި ހުރިކަން އޮޑިޓަށް ވަނީ ހޯދިފަ އެވެ.
މައްސަލަ ސެންޓާ އެންޓަޕްރައިޒަސް ކޮޅަށް ނިންމަމުން ސިވިލް ކޯޓުގެ ގާޒީ ފާހަގަކުރި ގޮތުގައި، މި މުއާމަލާތުގައި ހިމެނޭ ދެ އިންވޮއިސްގައިވާ މުދާ ފޯރުކޮށްދީފައިވާކަން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށެވެ. އެއް އިންވޮއިސްގެ އަގަކީ 26 މިލިއަން ރުފިޔާ އެވެ. އަނެއް އިންވޮއިސްގެ އަގަކީ 6 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހެލްތު މިނިސްޓްރީގެ މުވައްޒަފަކާއި ޑީއެމްއެސްގައި ކުރި މަސައްކަތްކުރި ދެ މުވައްޒަފުން 2006 އާއި 2010 އާ ދެމެދު ތިބި ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މީހުންގެ ނަންތަކެއް އޮޑިޓު ރިޕޯޓުގައި ހިމަނާފައި ނުވެ އެވެ.
އޭގެ ތެރެއިން ހެލްތު މިނިސްޓްރީގެ މުވައްޒަފަކާއި ޑީއެމްއެސްގެ މުވައްޒަފަކީ ސެންޓާ އެންޓްޕްރައިޒަސްއިން ހުށަހެޅި އެހެން ދައުވާއެއްގައި ބިޑް އިވެލުއޭޝަން ސަމަރީ ޝީޓެއް ޗެކުކޮށް އެޕްރޫވްކުރި ދެ މީހުންނެވެ. އެހެންކަމުން، އެ މައްސަލަތަކުގައި ހިމެނޭ ލިޔެކިޔުންތައް އެ މީހުންގެ ބެލުމުގެ ދަށުގައި ހުރުމުގެ ފުރުސަތު އޮތުމުން ލިޔުންތައް ފޯޖު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ