ވިޔަފާރިތަކަށް ފައިސާ ދައްކަން ކުރަން ޖެހޭ ކަމެއް ކުރަން، އެކަމަކު ޗާޕެއް ނުކުރަން: ރައީސް

އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާތައް ދައްކައި، ޚަލާސްކުރަނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މިމަހު ދެވަނަ ދުވަހު އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ، އެމްއެމްއޭއާއެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ 2.5 ބިލިއަން ރުފިޔާގެ މުއާމަލާތެއް ކަމަށްވާއިރު، ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އެކަން ހާމަކޮށްފައިނުވެއެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައިވަނީ، އެ ފައިސާ ބޭނުންކުރާނީ ރައީސްގެ ވައުދާ އެއްގޮތަށް ބިލްތަކަށް ފައިސާ ދައްކަން ކަމަށް ރިޕޯޓުކޮށްފައެވެ. މިރޭ ލ. ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވަނީ ސަރުކާރުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ހަވާލުވީއިރު ރާއްޖޭގެ އިގުތިސާދު އޮތް ގޯސް ދަރަޖައިން މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ އެތައް ހާސް ރުފިޔާއެއް ބިލުތައް ހުރީ "ފުނިޖެހިފައި" ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ބަލައިލާއިރު ވެސް ދެ ބިލިއަނެއްހާ ރުފިޔާ ނުދައްކާ އެބަހުރި ކަމަށާއި މިދިޔަ އަހަރު ތެރޭ ކުރެވުނު މަސައްކަތްތަަކަށް ވެސް ފައިސާ ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. https://sun.mv/212150 އެ މަނިކުފާނު ވިދާޅުވީ، އެ ފައިސާ ދައްކައި ނިންމަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން: ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަނީ ޗާޕުނުކޮށް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އެ މަނިކުފާނު ވަނީ، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަން ހުރި ފައިސާ ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ތެރޭ ދައްކައި، ޚަލާސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދެއްވައިފައެވެ. މިކަން [އަމިއްލަ ވިޔަފާރިތަަކަށް ކުންފުނިތަކަށް ފައިސާ ދީ ނިންމަނީ] ހަމަ އަޅުގަނޑުވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕުނުކޮށް. ފައިސާ ޗާޕުނުކޮށް މިކަން މިކުރަނީރައީސް ޑރ. މުޙައްމަދު މުއިއްޒު ޕެންޝަން އޮފީހުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އެއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުގެ އެކި ފަންތީގެ އޮފިޝަލުން އަންނަނީ ވިދާޅުވަމުންނެވެ. https://sun.mv/212879 ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ، ޕެންޝަން އޮފީހާއި އެމްއެމްއޭއިން ކުރާ މުއާމަލާތުގެ އިގުތިސާދީ ނަތީޖާއަކީ ހަމަ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީން ވެސް ވަނީ، ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް މަސައްކަތްކުރުމަކީ، އަލަށްކުރާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ