އޭޝިއަން ޔޫތު ގޭމްސް 2025: މުބާރާތް ބާއްވާ ބަހުރޭނު ބަލިކޮށް އަންހެން ޓީމު ވިދާލައިފި
ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓްގައި ރާއްޖޭގެ އަންހެން ޕެއާ ކަމަށްވާ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިދުގީ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ހޯސްޓް ބަހްރެއިން ބަލިކޮށްފިއެވެ. ބަހްރެއިންގެ ސަމާ ބޭ ބީޗް ވޮލީބޯޅަ އެރީނާގައި ކުރިއަށްދިޔަ މެޗުގައި ރާއްޖޭގެ ޕެއާއިން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ސެޓުތައް ގެންދިޔައީ 21-9 އަދި 21-12 އިންނެވެ. ބަހްރެއިންގެ ލަޔާން މާޖިދާއި މާޔާ ފަލާހާ ދެކޮޅަށް ރާއްޖޭގެ ޕެއާއިން ކުޅުނު ދެ ސެޓުގައިވެސް ރަނގަޅު ރޫހެއް ދައްކާފައިވެއެވެ. ޚާއްސަކޮށް ދެ ސެޓުގައިވެސް ރާއްޖެއިން ރަނގަޅު ލީޑެއް ނަގައި، މެޗު ކާމިޔާބުކުރީ ޔަގީންކަމާއެކުގައެވެ. ރާއްޖެއާއި ބަހުރޭން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗް ވޮލީ ބޯޅަ އިވެންޓްގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ރާއްޖެއާއި ބަހްރެއިންގެ ދެން ހިމެނެނީ އިންޑޮނޭޝިއާގެ އިތުރުން ތައިލެންޑާއި މޮންގޯލިއާ އަދި ޖޯޑަން އެވެ. ރާއްޖޭގެ އަންހެން ބީޗު ވޮލީބޯޅަ ޕެއާއަށް ދެން މެޗެއް އޮންނާނީ މާދަމާ ރޭ ރާއްޖެގަޑިން 07:00 ގައެވެ. އެއީ މޮންގޯލިއާއާ ދެކޮޅަށެވެ. އޭގެ އިތުރުން މާދަމާ ރޭ ރާއްޖެ ގަޑިން 10:00 ޖަހާއިރު އަންހެން ޕެއާއިން އިންޑޯނޭޝިއާ ޕެއާއާ ދެކޮޅަށް ނުކުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ