ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާތީ އަމާޒުވާ ފާޑުކިތުންތަކަށް ނުބަލައި ސަރުކާރުގެ ނިންމުން ކުރިއަށްގެންދަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާތީ އަމާޒުވާ ފާޑުކިތުންތަކަށް ނުބަލައި ސަރުކާރުގެ ނިންމުން ކުރިއަށްގެންދަނީ

މީގެ 15 އަހަރު ކުރިން މަނާ ކުރި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރަން ސަރުކާރުން ނިންމުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ނުބަލައި، އެ ބާވަތުގެ މަސްވެރިކަން ކުރަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރަން ހަދަންޖެހޭ މެނޭޖްމަންޓް ޕްލޭނާއި އެކަމަށް ބޭނުންވާ ގަވާއިދުގެ ދެލިކޮޕީ ސަރުކާރުން ވަނީ މިއަދު އާންމުކޮށްފަ އެވެ. މެނޭޖްމަންޓް ޕްލޭނަށް އަދި ގަވާއިދުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ އޯގަސްޓު 26، ގައި ރައީސް މުހައްމަދު މުއިއްޒެވެ. އަންނަ ނޮވެމްބަރު 1، އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް އެމަނިކުފާނު އޮތީ ވިދާޅުވެފަ އެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ، ކަށިމިޔަރު އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ ނޮން-ޑެޓްރިމެންޓަލް ސްޓަޑީއެއް ހެދުމަށްފަހު އެވެ. އެކަމަކު އެފަދަ ދިރާސާއެއް ހެދުމަށް ބޭނުންވާ މައުލޫމާތު ރާއްޖެއިން ރައްކާކޮށްފައިނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
އެހެންކަމުން، ކަށިމިޔަރުގެ މަސްވެރިކަން ފެށި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސްވެރިކަން ހުއްޓާލަންޖެހުން ވަރަށް ގާތެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރަން ނިންމުން ތިމާވެށި ހިމާޔަތް ކުރުމުގައި މަސައްކަތް ކުރާ ދިވެހިރާއްޖެ އަދި ބޭރުގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޕަޑީ ވެސް ހިމެނެ އެވެ.
ކަށިމިޔަރު ދަރިމާވާން ފަށަނީ އެ ސޮރުމެންނަށް ގާތްގަނޑަށް 20 އަހަރު ފުރޭ ފަހުންނެވެ. އެއީ ކަށިމިޔަރު ފުރާފުރިހަމަވާން އެ މުއްދަތު ނަގާތީ އެވެ. އަދި ދަރިމައިވުމުގެ އުމުރަށް ދިޔުމުން، ވިހަނީ ދެ އަހަރު ބަލިވެ އިނުމަށްފަހު އެވެ.
ބާނަން ފަށައިފި ނަމަ، ކަށިމިޔަރުގެ އާބާދީ އެހާ އަވަހަށް ހުސްވެ، ނިމިދަނީ އެހެންވެ އެވެ. ކަށިމިޔަރުގެ 15 ބާވަތުގެ 11 ބާވަތަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ. މިޔަރުގެ ހުރިހާ ބާވަތެއްގެ ތެރެއިން، ނެތިދިޔުމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ބާވަތްތަކުގެ ތެރޭގައި ވެސް ކަށިމިޔަރު ހިމެނެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ފެށީ 1980 ގެ އަހަރުތަކުގަ އެވެ. އެ ބާވަތުގެ މަސްވެރިކަން ކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި ބާނާ ކަށިމިޔަރުގެ އަދަދު 50 ޕަސެންޓު މަދުވިކަން ދިރާސާތަކުން ދައްކަ އެވެ. އޭގެ ފަހުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ. އެއިރު އެބާވަތުގެ މަސްވެރިކަން ކުރާ 38 އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ