އައްޑޫ ސިޓީއަށް އެންމެ މުހިންމީ އެ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރުން ކަމަށް ވިދާޅުވެ ފަންނީ އަދި ތައުލީމީ ބޭރު މީހުން ވަކި މުއްދަތެއްގައި އެ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ސިޓިޒެންޝިޕް ދިނުމުގެ ހިޔާލު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނަގާނެ އެވެ.
އާންމު ވޯޓުގައި އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ. ހުޅުދޫ އާއީ މީދޫގެ ރައްޔިތުންނަށް ވަނީ ދެ ރަށް އެކުގައި އޮވެ ކައުންސިލެއް ނަގާނީތޯ، ނޫނީ ވަކިން އޮވެ ކައުންސިލެއް ނަގާނީތޯ އިހުތިޔާރުކުރަން ވެސް ފުރުސަތު ދީފަ އެވެ.
އައްޑޫ ބައިކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށް ނަޝީދު އެކްސްގައި މިއަދު ލިޔުއްވި އެވެ. އަދި އެ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި، ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް،" ނަޝީދު ލިޔުއްވި އެވެ.
އެގޮތުން، އިސްލާމީ ގައުމުތަކުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން އަދި މީ ނޫން ވެސް ފަންނީ މީހުން ވަރަށް ގިނަ ކަމަށް ނަޝީދު ލިޔުއްވި އެވެ.
"އައްޑޫއަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ."
އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީއަށް ރެޖިސްޓްރީވެފައިވާ 35،359 ދިވެހިން އެބަތިއްބެވެ. އެ ސިޓީގައި ދިރިއުޅޭ އާބާދީއަކީ 25،062 އެވެ. އޭގެ ތެރެއިން 20،000 ހާހަކަށް މީހުންނަކީ ދިވެހިން ކަމަށްވާއިރު ބިދޭސީންގެ އާބާދީއަކީ ގާތްގަނޑަކަށް 5،000 އެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅެން އަންނަ މީހުންނަށް ވަކި ޝަރުތުތަކެއްކޮށް ރައްޔިތުކަން ދިނުމުގެ ސިޔާސަތެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ގެންގުޅެފައި ނުވެ އެވެ.
މި ސަރުކާރުން ވެސް ގެންގުޅެނީ ރާއްޖޭގައި އިންވެސްޓް ކުރުމުން ރެޒިޑެންސީ ވިސާ ލިބޭ ސިޔާސަތަކެވެ. އެފަދަ ޕްރޮގްރާމެއް އެކުލަވާލުމަށް އިނގިރޭސިވިލާތުގެ އަމިއްލަ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކުރީ ޖުލައި މަހު އެވެ.
އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ނަޝީދުގެ ހިޔާލު އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ނަޝީދުގެ ހިޔާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ