އައްޑޫ ކައުންސިލުގެ ވޯޓަށް 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފި

އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް ޖުމުލަ 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު މި ފެންނަ ނުފެންނަ ވޯޓު ނަގަނީ އައްޑޫ ފޭދޫގެ އިތުރުން ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.
ތަފްސީލް - އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެ ކަމަށް ބޭނުންވާ ވޯޓު ކަރުދާސް މިހާރު ޗާޕުކޮށް ވަނީ ނިމިފަ އެވެ.
ޗާޕުކޮށްފައިވަނީ:
ހުޅުދުއަށް 2،922 ވޯޓް ކަރުދާސް
މީދުއަށް 2،380 ވޯޓް ކަރުދާސް
ފޭދުއަށް 4،419 ވޯޓް ކަރުދާސް
ނަމަވެސް ވޯޓު ކަރުދާސް ޗާޕްކުރަން ހިނގި ހަރަދުތަކުގެ މައުލޫމާތެއް އެ އިއުލާނަކު ނެތެވެ.
އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ. 
މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ވޯޓު ނަގަނީ ރަށު ކައުންސިލް ހެދުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި ރަށްރަށުގަ އެވެ.
ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، މި މަހުގެ 25ގައި އައްޑޫގައި ނަގާ ވޯޓަކީ އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ