ދަރިން ނިންދެވުމުގެ ކުރިން ބަޤަރާސޫރަތުގެ ފަހު 2 އާޔަތް މާނަ އާއިއެކު ދަރިންލައްވައި ކިޔުއްވުމުން ދަރިންނަށް ކުރާނެ ބޮޑެތި ފައިދާތައް ބައިވަރު އެބަހުރި!

ބައެއް ބެލެނިވެރިން ދަރިން ނިންދެވުމުގެ ކުރިން ޤުރްއާނާއި ޛިކުރުތައް ކިޔުއްވާފައި ވިއްދައިގެން ވާހަކަ ކިޔައިދެއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ އެއިރުން ނިދާއިރު ކުއްޖާގެ ވިސްނުމުގައި ހުންނާނީ ކިޔައިދިން ވާހަކައެވެ. ރަނގަޅު ގޮތަކީ ވާހަކަ ކިޔައިދޭނަމަ ކުރިން ކިޔައިދީފައި ފަހުން ޤުރްއާނާއި ޛިކުރްތައް ކިޔުއްވުމެވެ. އެއިރުން ކުއްޖާއަށް ނިދޭނީ އެއަށް ވިސްނަމުން ކަމަށްވާތީއެވެ. ކުރީގެ ބެލެނިވެރިން މިކަމަށް ސަމާލުކަންދެއެވެ. ނަމަވެސް ފަހަކަށް އައިސް ވަނީ ފަރުވާކުޑަކޮށްލެވިފައެވެ.  
މިޘާލަކަށް އާޔަތުލްކުރުސިއާއި ބަޤަރާސޫރަތުގެ ފަހު 2 އާޔަތް މާނައާއިއެކު ކިޔުއްވުމުން ނުވަތަ ކިޔައިދިނުމުން އެކުދިންގެ ވިސްނުމުގައި އެއެއްޗެތި ހުންނާނެއެވެ. އިން ޝާ ﷲ  
ޙަދިޘްފުޅުގައި އޮތީ ރޭގަނޑުގެ ވަގުތުގައި ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމުން ފުދުނީ ކަމަށެވެ. ޢިލްމުވެރިން ވިދާޅުވަނީ އެ ދެ އާޔަތުގައިވާ މަތިވެރި ދުޢާގެ ސަބަބުން އެމީހަކަށް ގިނަގުނަ ރަޙްމަތް ލައްވަވާނެ ކަމަށެވެ.  
މީގެ އިތުރުން ބައެއް ޢިލްމުވެރިން ހާމަކުރައްވާ ގޮތުގައި މި 2 ޢާޔަތް (މާނަ އެނގިހުރެ) ކިޔެވުންމަތީގައި ދެމިހުންނަ މީހާ އެއްވެސް ކަމަކާއިހުރެ މާޔޫސް ވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ޙައްޤު މަގުގައި ސާބިތުވެ ހުރުމަށް ހިތްވަރުލިބޭނެއެވެ. އަދި ކީއްހެއްޔެވެ؟ ކުޑައިރުންސުރެ މިފަދަ ކަންކަން، އާދަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ދަރިންނަށް އެންމެ ފައިދާހުރި ގޮތެވެ. އެކުދިން ބޮޑުވުމުންވެސް އެ ޢާދަތައް ކިޔުން ހިފަހައްޓާނެތީއެވެ. އިން ޝާ ﷲ 
ދަރިންނަށް 2 އާޔަތް ކިޔައިދިނުމުން މައިމީހާއަށް ނުވަތަ ބައްޕައަށްވެސް އެއޮތީ ކިއިފައެވެ. ވިސްނައިލަންވީ ކަމަކީ އެއީ ތިމާއަށް ވެސް ކިޔެވުނީކަމަށް ބަލައިފިނަމަ ކިޔައިދިން ކަމުގެ ޘަވާބު ލިބޭނީ ކިހިނަކުންހެއްޔެވެ؟ ވީމާ އަހުރެން ބުރަވާނީ ދަރިންނަށް ކިޔައިދިނުމަށްފަހު ތިމާވެސް ކިޔުމަށެވެ. އެއިރުން ހަމަގައިމުވެސް ނުލިބިދާނެކަމަށް ނުވަތަ މަދުވެދާނެކަމަށް ޝައްކުގެ ތެރޭގައި އުޅޭކަށް ނުޖެހޭނެއެވެ.  
آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ 
رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول  އާއި مؤمن ން إيمان ވޫއެވެ. އެ އެންމެންމެ الله އާއި، އެކަލާނގެ ملائكة  ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسولންނަށް . ތިމަންމެން އަހައި ކިޔަމަން ވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަ ފުއްސަވައި ފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. (سورة البقرة 275) 
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ 
الله އެއްވެސް نفس  އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާމިންވަރަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس  އެއްހޯދިހެޔޮކަމެއް (ގެثواب) އެ نفس އަކަށް ވެއެވެ. އަދި، އެ  نفس އެއް ހޯދި ނުބައިކަމެއް  (ގެ عقاب) އެ  نفس އެއްގެ މައްޗަށް ވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ،  قصد  އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفوކުރައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަ ރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެ އެވެ. ފަހެ،  كافرވެގެންވާ މީސްތަކުންގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ! (سورة البقرة 276)
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ