ހަތިޔާރުގެ ސިނާއަތުގައި ދުނިޔޭގެ 4 ވަނަ ބާރަށް ވުުމަށް ދެކުނު ކޮރެއާ މަސައްކަތްކުރަނީ
ސޯލް (20 އޮކްޓޯބަރު 2025): ހަތިޔާރު އުފެއްދުމުގެ ސިނާއަތުގައި ދުނިޔޭގެ ސުޕާޕަވަރ އަކަށްވާން މަސައްކަތް ކުރަމުން ގެންދާކަމަށް ދެކުނު ކޮރެއާ ބުނެފިއެވެ. ސޯލްގައި ކުރިޔަށްދާ ހަތިޔާރާއި ފަޒާގެ ސިނާއަތުގެ ބައިނަލްއަގްވާމީ މައުރަޒު (އަޑެކްސް) އަށް ޒިޔާރަތް ކުރައްވައި ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ރައީސް ލީ ޖީ މިއުންގް ވިދާޅުވީ 2030 ވަނަ އަހަރަށްދާއިރު މި ލަނޑުދަނޑި ހާސިލް ކުރުމަށް ރާވައިގެން ދެކުނު ކޮރެއާ ގިނަ މަސައްކަތްތައް ކުރިޔަށްގެންދާ ކަމުގައެވެ. މިކަމަށްޓަކައި ހަތިޔާރު އުފެއްދުމުގެ ރީސާޗްތަކަށާއި ހަތިޔާރުގެ ކާރުޚާނާތަކާއި އެދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް އާދަޔާ ޚިލާފު ބޮޑު ބަޖެޓެއް އެލޮކޭޓް ކުރަމުން ގެންދާކަމަށް ރައީސް ލީ ޖީ މިއުންގް ވިދާޅުވިއެވެ. ލީ ވިދާޅުވިގޮތުގައި ހަތިޔާރުގެ ސިނާއަތަކީ ފަޒާގެ ސިނާއަތާވެސް ގުޅިފައިވާ އެއްޗެއްކަމުން ފަޒާގެ ސިނާއަތު ތަރައްގީ ކުރުމަށްވެސް ބޮޑު ބަޖެޓެއް ވަނީ އެކަށައަޅާފައެވެ. މީގެތެރޭގައި މިދެ ދާއިރާއިން ޓެކްނިކަލް މީހުންނާއި އިންޖިނޭރުންނާ އަދި ސައެންސްވެރިން އިތުރަށް އުފެއްދުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ސޯލްގައި މިހާރު ކުރިޔަށްދާ ހަތިޔާރާއި ފަޒާގެ ސިނާއަތުގެ ބައިނަލްއަގްވާމީ މައުރަޒަކީ ދެކުނު ކޮރެއާއިން މިހާތަނަށް ބޭއްވި އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި ދެކުނު ކޮރެއާ ވަނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ވިސްނުމުގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ވަރަށް ޒަމާނީ ހަތިޔާރުތައް ދައްކާލާފައެވެ. މީގެތެރޭގައި އޭއައިގެ ޑްރޯންތައް ހިމެނެއެވެ. ސޯލްގައި ކުރިޔަށްދާ ހަތިޔާރާއި ފަޒާގެ ސިނާއަތުގެ ބައިނަލްއަގްވާމީ މައުރަޒު (އަޑެކްސް)ގެ ތެރެއިން -- ފޮޓޯ/ ބިޒްނަސް ކޮރެއާ ސޯލްގައި ކުރިޔަށްދާ ހަތިޔާރާއި ފަޒާގެ ސިނާއަތުގެ ބައިނަލްއަގްވާމީ މައުރަޒު (އަޑެކްސް) ގައި ދުނިޔޭގެ 35 ގައުމެއްގެ 600 ވަރަކަށް ކުންފުނި ބައިވެރިވެ އެކުންފުނިތަކުން އުފައްދާ އެކިބާވަތުގެ ހަތިޔާރުތައް ދައްކަމުން ގެންދާއިރު ހަތިޔާރު ވިއްކުމުގެ ކަންތައް މައުރަޒުގައި ކުރިޔަށް ދެއެވެ. ދުނިޔޭގައި ހަތިޔާރުގެ ސިނާއަތު އެންމެ ބޮޑަށް ތަރައްގީ ކޮށްފައިވާ ތިން ގައުމަކީ އެމެރިކާ ރަޝިއާ އަދި ޗައިނާއެވެ. ނަމަވެސް ޔޫރަޕްގެ ކުރީގެ ތިން އިސްތިއުމާރީ ބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނަކީ ހަތިޔާރުގެ ސިނާއަތުގެ ދެވަނަ ދަރަޖައިގައި ހިމެނޭ ޒަމާންވީ ތިން ގައުމެވެ. އިންޑިއާ، އިސްރާއީލެވެކިޔާ ޒަޔަނިސްޓް އެންޓިޓީ، ތުރުކީ، އީރާން، ޕާކިސްތާން އަދި އުތުރުކޮރެއާއާއި ޖަޕާން އަދި ޔޫރަޕްގެ ބައެއް ގައުމުތަކަކީ ހަތިޔާރުގެ ސިނާއަތުގައި ކުރިއަރަމުންދާ އިމާޖިން ބާރުތަކެކެވެ. މީގެތެރެއިން އިންޑިއާއާއި އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަންވެސް ހޯދާފައިވާ ދެގައުމެވެ. ދެކުނު ކޮރެއާގެ ރައީސް ވިދާޅުވިގޮތުގައި އޭނާގެ ޕްލޭނަކީ 2030 ވަނަ އަހަރާ ހަމަައަށް ދާއިރު ހަތިޔާރާއި ފަޒާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ ހަތަރު ވަނަ ބާރަށް ދެކުނު ކޮރެއާ ހެދުމެވެ. ދެކުނު ކޮރެއާ ގެންދަނީ އެގައުމުގެ އަމިއްލަ ޓެކްނޮލޮޖީގައި ފައިޓާ ޖެޓެއްވެސް ތަރައްގީ ކުރަމުންނެވެ. އެ ގައުމުން ވަނީ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓްވެސް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ