މައިކަށް ގެއްލުންދިން މައްސަލައިގައި މައުރޫފާއި އިމްރާނާއި ސަމީރުގެ އަތުން އަގު ނަގަނީ

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށް މިދިޔަ މަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ކޮމިޓީ ބާއްވާ ކޮޓަރީގައި ހުރި މައިކަކަށް ގެއްލުންދިން މައްސަލައިގައި، އެ ވަގުތު އެ މައިކުގައި ހިފައިގެން ތިބި ތިން މެންބަރުންގެ އަތުން މައިކުގެ އަގު ނަގަން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ. https://sun.mv/211361 އަގު ނަގަން ނިންމީ ހެންވޭރު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އަތުންނެވެ. މިދިޔަ މަހުގެ 15ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މައުރޫފް ވަނީ މައިކު ކައިރިއަށް ވަޑައިގެން ވާހަކަދައްކަވަން މަސައްކަތް ކުރައްވައިފައެވެ. އެކަމަކު އިމްރާން އެ ތަނަށް ވަޑައިގެން، މައުރޫފަށް ހުރަސް އަޅުއްވަން މައިކް ދުރަށްޖައްސަން މަސައްކަތްކުރެއްވިއެވެ. އަދި އެ ވަގުތު ސަމީރު ވެސް މައިކު ހިފަހައްޓަވައި، މައުރޫފު ވާހަކަ ދައްކަވާނެ ފުރުސަތު ދެއްވަން މަސައްކަތްކުރެއްވިއެވެ. އެ މައިކު ދެކޮޅަށް ދަމަމުން ގޮސް ދެން ފެންނަނީ އިމްރާން މައިކް އުފުރާލައްވައި ވައްޓައިލާ މަންޒަރެވެ. މި މައްސަލަ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެޖެންޑާކޮށް ވަނީ ބަލައިފައެވެ. https://sun.mv/211380 މައިކަށް ލިބުނު ގެއްލުން އަނބުރާ ހޯދުމަށް މައިކަށް ހިނގި ޚަރަދު ސާފުކުރުމަށްފަހު މެންބަރުންގެ އަތުން އަގު ނަގަން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ. ޝަމީޒްގެ އެ ހުށަހެޅުއްވުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ތާއީދުުކުރެއްވިއެވެ. ކޮމިޓީން ނިންމީ ޝަމީޒް ހުށަހެޅުއްވި ގޮތަށް، އިމްރާނާއި މައުރޫފާއި ސަމީރުގެ އަތުން އަގު ނެގުމަށެވެ. މަޖިލީހުގައި ހިމެނޭ ތަކެއްޗަކީ ދައުލަތުގެ މުދަލަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ސުލޫކީ ކޮމިޓީއަށް ހުށަހަޅައިގެން ބެލޭނެއެވެ. މި މައްސަލައާ ގުޅޭގޮތުން ދާއިރާގެ ރައްޔިތުން ތިބޭ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ މައިކު އޭނާގެ އަތަށް އައީ "މުލައްދަނޑީގެ ބާރު ގަދަވުމުން" ކަމަށާއި، މައިކުގެ ޚަރަދު ހަމަޖައްސައިދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ