ކޮވިޑް ވެކްސިން ޖެހި ކެންސަރު ބަލި މީހުންގެ އުމުރު ދިގު ކޮވިޑް ވެކްސިން ޖެހި ކެންސަރު ބަލި މީހުންގެ އުމުރު ދިގު

ކޮވިޑް-19 އަކީ އާ ބައްޔެއް ނޫން ކަމަށް ވެސް، ބައެއް ޑޮކްޓަރުން އޭރު ބުނަމުން ދިޔައެވެ. އެހެންކަމުން އެއް ބަޔަކު ކޮވިޑް ވެކްސިން ޖެހީ ހިތާ ދެކޮޅަށެވެ. އަނެއް ބަޔަކު ކޮވިޑް ވެކްސިން ޖެހީ، އެ ވެކްސިން ޖަހައިގެން ނޫނީ ގެއިން ބޭރަށް ނުނުކުމެވޭ ވަރަށް، ބައެއް ގައުމުތަކުގައި ފުރަބަންދުގެ ހާލަތު ހަރުކަށި ކުރުމުންނެވެ.
މި ހުރިހާ ކަމަކާ އެކުވެސް، ކޮވިޑް-19ގެ ވަބާއިން ދުނިޔެ މިންޖުވީ، އެ ބައްޔާ ދެކޮޅަށް ސައެންސްވެރިން އީޖާދުކުރި ވެކްސިންތައް ބޭނުންކޮށްގެންނެވެ. އެ ވެކްސިންތައް އީޖާދުކުރުމާ އެކު ދެން އިވެން ފެށީ، އެ ވެކްސިންތަކުން ކުރިމަތިވާ ސިއްހީ އެހެން މައްސަލަތަކުގެ ވާހަކައެވެ. ލޭ ގަނޑުވުމާއި، ވަރުބަލިވުން ފަދަ އިތުރު އުނދަގޫތައް ވާ ކަމަށް އެތައް ބަޔަކު ބުންޏެވެ.
ނަމަވެސް މިއަދުގެ ވާހަކަ ބަދަލުވެއްޖެއެވެ. ކެވިޑް ވެކްސިން ޖެހުމުން، އާދައިގެ ރޯގާތައް ޖެހޭ މިންވަރު ދަށް ކަމަށް ބުނާ އަޑު އެބައިވެއެވެ. އެއަށް ވުރެ ބޮޑަށް މިހާރު ވައިގައި ހިފައިގެން އުޅެނީ، ކޮވިޑް ވެކްސިން ޖެހުމުން، ކެންސަރު ބަލީގެ މީހުންނަށް ސިއްހީ މަންފާތަކެއް ލިބޭ ވާހަކައެވެ.
އެމެރިކާގެ ޔުނިވަސިޓީ އޮފް ފްލޮރިޑާ އާއި ޔުނިވަސިޓީ އޮފް ޓެކްސަސްގެ އެމްޑީ އެންޑާސަން ކެންސަ ސެންޓަރު ގުޅިގެން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ކޮވިޑް ވެކްސިނަކީ ކެންސަރު ބައްޔާ ދެކޮޅަށް ހަށިގަނޑު ކުރާ ހަނގުރާމައިގައި ބޮޑު އެހީތެރިކަމެއް ވެދީފާނެ އެއްޗެކެވެ. ކޮވިޑް ވެކްސިންގައި ހިމެނޭ، ދިފާއީ ނިޒާމު ހަރަކާތްތެރިކުރުވާ މާއްދާތަކުގެ ސަބަބުން، ކެންސަރު ބަލި ތަހައްމަލު ކުރާ މީހާގެ ދިފާއީ ނިޒާމު އަލުން ހޭލައްވައިލައެވެ.
ފުއްޕާމޭގެ ކެންސަރުގެ ނުވަތަ ހަމުގެ ކެންސަރުގެ ފަހުގެ ސްޓޭޖްތަކުގައި ތިބޭ މީހުންނަށް، އިމިއުނޯތެރަޕީ ދޭން ފަށާތާ 100 ދުވަހުގެ ތެރޭގައި، އެމްއާރްއެންއޭ ކޮވިޑް ވެކްސިން ދިނުމުން، އެ ވެކްސިން ނުދޭ މީހުންނަށް ވުރެ ގިނަ ދުވަހު ދިރިއުޅޭ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. އެމްއާރްއެންއޭ ކޮވިޑް ވެކްސިނަކީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ މެސެންޖާ ރައިބޯނިއިކްލިއަކް އެސިޑް (އެމްއާރްއެންއޭ) ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިނެކެވެ.
ދިރާސާކުރި ސައެންސްވެރިން ބުނި ގޮތުގައި އެމްއާރްއެންއޭ ކޮވިޑް ވެކްސިންގެ ސަބަބުން، ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންގެ އުމުރު ދިގުވުމަކީ، އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެންސަރުގެ ފަރުވާއެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ. ދިރާސާ ޓީމުން ބުނި ގޮތުގައި އެމްއާރްއެންއޭ އެކުލެވޭ ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
ސައެންސްވެރިން ބުނި ގޮތުގައި އެމްއާރްއެންއޭ ކޮވިޑް ވެކްސިންގެ ސަބަބުން ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ލިބޭކަން ފާހަގަކުރެވެނީ، އެމްޑީ އެންޑާސަން ކެންސަރު ސެންޓަރުގައި ފަރުވާ ހޯދަމުން އަންނަ ހާހަކަށް ވުރެ ގިނަ ބަލިމީހުންގެ ހާލަތު ދިރާސާކޮށް ބެލުމުންނެވެ. އެހެން ނަމަވެސް، މިއީ އަދި ފެށުމުގެ މަރުހަލާގައިވާ ހޯދުމެއްކަން ސައެންސްވެރިން ފާހަގަކުރެއެވެ.
އެމްއާރްއެންއޭ ކޮވިޑް ވެކްސިނުން ކެންސަރު ބައްޔަށް ފަރުވާ ކުރެވޭކަން މުޅިން ކަށަވަރު ކުރެވޭނީ، އިތުރު ތަހުލީލުތަކާއި އިތުރު ދިރާސާތައް ކޮށްގެންނެވެ. "މި ހޯދުނު ހޯދުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް. މިއީ ކެންސަރު ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގެ މުޅި ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވަފާނެ ކަމެއް،" ދިރާސާގެ ސައެންސްވެރިން ބުންޏެވެ.
"މިހާރު އަހަރެމެން ކުރަންވީ ކަމަކީ، ވަކި ކަމަކަށް ހާއްސަ ނުކޮށް، އިންސާނާގެ ދިފާއީ ނިޒާމު، ބަލިތަކަށް އިޖާބަދޭ ގޮތް އަލުންބަލުން ފަށައިގަންނާނެ ފަދަ ގޮތަކަށް، އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެކްސިނެއް އުފެއްދުން. އެ ވެކްސިނަކީ ކެންސަރު ބަލީގެ ހުރިހާ ބާވަތަކާ ދެކޮޅަށް ވެސް ބޭނުންކުރެވޭ ފަދަ ވެކްސިނަކަށް ވާންޖެހޭނެ."
ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ އެމްއާރްއެންއޭ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ޖެފް ކޮލާ ވިދާޅުވާ ގޮތުގައި މި ދިރާސާއިން އެނގުނު އެއްކަމަކީ، އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ބޭސްތައް ވަރުގަދަ ކަމެވެ. އަދި މިއީ ކެންސަރަށް ފަރުވާ ކުރާނެ ބޭހެއް އީޖާދުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނުވާނެ ހޯދުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ދިރާސާ އާންމުކޮށްފައިވަނީ ބާލިންގައި އިއްޔެ އޮތް ޔޫރަޕިއަން ސޮސައިޓީ ފޯ މެޑިކަލް އޮންކޮލޮޖީ ކޮންގްރެސްގައެވެ. މި ދިރާސާ ބިނާކޮށްފައިވަނީ މެދުނުކެނޑި އަށް އަހަރު ވަންދެން ކުރި ތަހުލީލުތަކުގެ ނަތީޖާގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ