މިހާރަކަށް އައިސް ގިނަ ބައަކު ހުކުރު ދުވަސް ހަދަނީ ގިނައިން ނިދާ ނުވަތަ ކުޅިވަރާ މަޖަލުގައި ހޭދަކުރާ ދުވަހަކަށެވެ. އެކުވެރިންނާއިއެކު ވަޤުތު ހޭދަކުރާ ދުވަހަކަށެވެ. އެކަން އެގޮތަށް ނުކުރަންވީ ބައެއް ސަބަބުތައް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ހުކުރު ދުވަހުގެ މާތްކަމާއިބެހޭ ގޮތުން ވަރަށް ގިނަ ބަސްފުޅުތައް އެބަހުއްޓެވެ. ހުކުރު ދުވަހަކީ ﷲ ތައާލާއަށް ޛިކްރްކުރުން ގިނަކުރަންޖެހޭ ދުވަހެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން ގިނަކުރަންޖެހޭ ދުވަހެވެ. ހުކުރުގެ ފައިދާ އެންމެ ބޮޑަށް ކުރާނީވެސް ކުރިއާލައި ހުކުރަށް ދެވުނުވަރަކުންނެވެ.
ވީމާ ޗުއްޓީ ދުވަހެއްގެ ގޮތުގައި ހުކުރު ދުވަސްވެފައި އޮތުމުން ހުކުރު ދުވަހަކީ ހަމައެކަނި ގިނައިން ނިދައި އުފާކުރާ ދުވަހުގެ ގޮތުގައި ދޫކޮށްނުލާށެވެ. ޛިކްރް ކުރުމާއިއެކު ޗުއްޓީގެ ބޭނުން ހިފާށެވެ. އުފާކުރަމުންވެސް ޛިކުރުކުރާށެވެ!
ބައެއް ކަލަންޑަރުތަކުގައި ހަފްތާ ފަށާފައި ހުންނަނީ އާދީއްތަ ދުވަހުންނެވެ. ނަމަވެސް މުސްލިމުންގެ ކަލަންޑަރުތަކުގައި ހަފްތާ ފަށަން ޖެހޭނީ ހުކުރު ދުވަހުންނެވެ. އެހެނީ ހުކުރު ދުވަހަކީ ހަފްތާގެ ފަހު ދުވަހެއް ނޫނެވެ. ހުކުރު ދުވަހަކީ މުސްލިމުން ހަފްތާ ފާށާ ދުވަހެވެ. އާދީއްތަ ދުވަހުން ހަފްތާ ފަށަނީ ޞަލީބީންނެވެ. މުސްލިމުންނަށް އޮތީ ކޮންމެ ކަމެއްގައިވެސް ކާފިރުންނާއި ތަފާތުވުމެވެ.
ކޮންމެ ހުކުރު ދުވަހަކީވެސް އިތުރު ހިތްވަރާއެކު އައު ފެށުމަކުން ފަށަން ޖެހޭ ދުވަހަކަށް ހަދަން ޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އާދަމްގެފާނު އުފެއްދެވީ ހުކުރު ދުވަހުއެވެ. އާދަމްގެފާނު ފުރާނައެޅުއްވެވީ ހުކުރު ދުވަހަކުއެވެ. ސުވަރުގެ ވެއްދެވީ ހުކުރު ދުވަހަކުއެވެ. އާދަމްގެފާނުގެ ތައުބާ ޤަބޫލުފުޅު ކުރެއްވެވީ ހުކުރު ދުވަހުއެވެ. ބިމަށް ފޮނުއްވެވީ ހުކުރު ދުވަހަކުއެވެ. ޤިޔާމަތްވާނީ ހުކުރު ދުވަހަކުއެވެ. ވިސްނައިލާށެވެ. މިއިން ކޮންމެ ކަމަކީވެސް އައު ފެށުމެކެވެ.
ކޮންމެ ހުކުރު ދުވަހަކީ އާދަމްގެފާނުގެ ފާފަ ފުއްސަވައި ދެއްވެވިފަދައިން އަހަރެމެންގެ ފާފަތައް ވެސް ފުއްސަވައި ދެއްވަވާ ދުވަހަކަށް ހައްދަވައި ދެއްވެވުން އެދި ހުކުރު ދުވަހު ގިނަގިނައިން ދުޢާކުރަންވާނެއެވެ. ދުޢާ އިޖާބަ ކުރައްވަވާނެ ވަގުތުކޮޅެއް އެދުވަހު ލައްވަވާފައިވުމަކީ ވެސް އެވަގުތުކޮޅު ހޯދުމުގެ ބޭނުމުގައި ގިނަގިނައިން ދުޢާ ކުރުމުގެ މުހިންމުކަން އެނގިގެންދާ ކަމެކެވެ.
ހަފްތާގެ ދުވަސްތަކުގެ ތެރެއިން ﷲ ތައާލާ އެންމެ މާތްކުރެއްވެވި ހުކުރު ދުވަހެވެ. ނަމަވެސް ނަޞާރާއިން ވަނީ އާދީއްތަ ދުވަހަށް ބަދަލުކޮށްފައެވެ. ޔަހޫދީން ވަނީ ހޮނިހިރު ދުވަހަށް ބަދަލުކޮށްފައެވެ. ނަމަވެސް މުސްލިމުން ހިފަހައްޓައިގެން މިތިބީ ހުކުރު ދުވަހުގައެވެ. އެކަމުގެ ސަބަބުން އިސްލާމީ އުންމަތަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރި ނިޢްމަތްތަކުގެ ތެރޭގައި އިސްލާމީ އުންމަތަކީ އެންމެ ފަހުގެ އުންމަތް ނަމަވެސް ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވައި ސުވަރުގެ ވައްދަވައިދެއްވެވުން ވެސް ހިމެނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޗުއްޓީ ދުވަހަކަށްވުމުން ގިނައިން ނިދުމުގެ ބަދަލުގަ ގިނަގިނައިން ޛިކުރުކޮށް ތައުބާވެ ދުޢާކުރުން ގިނަކުރާ ދުވަހަށް ހުކުރުދުވަސް ހަދަންޖެހޭ ބައެއް ސަބަބުތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ