ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލ. ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހިތަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، އަދި މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން ގެންދަވާ، އަދި ބައްލަވަމުން ގެންދަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން، ހިތަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އަޅުގަނޑު ތިޔަބޭފުޅުންނާ ކުރީގައި ބައްދަލުވި ފަހަރުތަކުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވާނީ، އެކި ކަންކަމުގައި، ރައްޔިތުން އެދިލެއްވި ކަންކަމުގައި ވަޢުދުތައް ވެފައި. ސަރުކާރުން އިސްކަންދެނީ، މި ކަންކަން ފުއްދައިދިނުމަށް. މިދިޔަ ދުވަސްތަކުގައި، އެކިކަހަލަ މަސައްކަތްތައް ކުރެވި، މިއަދު މި ގެނެވުނު މަރުޙަލާއާ ހިސާބަށް އަޅުގަނޑުމެންނަށް އާދެވުނީ. މިއަދު ޢަމަލީގޮތުން ފެށިގެން މިދިޔަ، ބިންގާއެޅި، އަދި ޢަމަލީ މަސައްކަތަށް މިދިޔަ ކޮންމެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް ވަޢުދުވީ ގޮތަށް، ކުރިއަށް ގެންގޮސް، ނިމިގެންދާނެ މަޝްރޫޢުތަކަކަށް ވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އަދި އަޅުގަނޑުމެން ސޮއިކުރި މަޝްރޫޢުތަކަކީވެސް، ހަމަ އެފަދައިން، ރައްޔިތުންނަށް އޭގެ ފުރިހަމަ ކުރިއެރުން، އަދި ނަތީޖާ ލިބިގެންދާނެ ފަދަ މަޝްރޫޢުތަކަކަށް އިރާދަކުރެއްވީތީ ވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. މިއަދު ޢަމަލީގޮތުން އާދެ، އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމަށް، ހައެއްކަ މަޝްރޫޢުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. އަދި، ތިން މަޝްރޫޢެއްގައި ސޮއިކުރެވިގެން ހިނގައްޖެ. އެހެންވީމާ، މިއިން ކޮންމެ މަޝްރޫޢެއްވެސް، މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސް ނިންމައިދޭނަން.
އާދެ، މިގޮތުން ބަލާއިރުގައި، އަޅުގަނޑު ފާހަގަކޮށްލާނަން، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން މިއަދު މި ފެށި މަސައްކަތަކީ، މި ރަށުގެ ހެލްތް ސެންޓަރު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. މިއަދު މި ފެށި މަސައްކަތުގެ ތެރެއިން އަޅާ އިމާރާތުގައި، 4 އެނދު ހިމެނޭ ވޯޑަކާއި، ނަރސް ސްޓޭޝަނަކާއި، ޕަބްލިކް ހެލްތް ޔުނިޓަކާއި، ލެބޯރެޓަރީއަކާއި، ލޯންޑްރީއަކާއި، ގަރާޖަކާއި، ސްޓޯރޭޖާއި، މި ހުރިހާ ތަނެއް އެބަ ހިމެނޭ. މި ކަންކަން ހަމަޖެހިގެން ދިޔުމުން، ދެން ކުރަންހުރި ކަންކަމަށްވެސް މަގު ފަހިވެގެންދާނެ. ސަރުކާރުގެ ސިޔާސަތަކީ، މި ރަށުގެ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުން. އެކަމަށްޓަކައި މިއީ ވަރަށް މުހިންމު މަޝްރޫޢެއް. މިކަން ފުރިހަމަވެގެން ދާނެ.
ހަމައެއާއެކީގައި، ޞިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ނެގުމަށްޓަކައިވެސް އަޅުގަނޑުމެން ވަރަށް އިސްކަންދެން. މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް އެބަ ދެން. މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް. އެހެންވީމާ، އޭގެތެރޭގައި ހިމެނޭނެ، އިތުރަށް ބޭނުންވާ މުވައްޒަފުން ނެގުން. އެއީ، ބައެއް ރަށްރަށުގައި ގަޑި އިތުރުކުރުމާއި، ބައެއް ރަށްރަށުގެ ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމާއި، މިހެންގޮސް އެކި ކަންކަމަށް ބޭނުންވާ މުވައްޒަފުން ނެގުން. އެހެންވީމާ، އޭގެތެރެއިން މި ރަށަށްވެސް، އިރާދަކުރެއްވިއްޔާ އިތުރު މުވައްޒަފުން ނެގުމުގެ ފުރުޞަތުވެސް ލިބޭގޮތަށް، އަޅުގަނޑުމެން މިކަން މި ރާވަނީ. އެހެންވީމާ، އެއީ އެއް ކަންތައް އަޅުގަނޑު ފާހަގަކޮށްލާ.
ދެން، ވަރަށް ގިނަ ބޭފުޅުންގެ ހިތްޕުޅަށްއަރާފާނެ، ޚާއްޞަކޮށް، ސްކޫލުގެ ބޭފުޅުން. އަޅުގަނޑުމެން ކުރިން އޮތް މި ދަތުރުގައި، މަލްޓި ޕަރޕަސް ހޯލު އެގްރީމަންޓުގައި ސޮއިކުރާ ގޮތަށް ތައްޔާރީތައްވެސް ވިން. ދެން ކީއްވެތޯ އެކަން ނުވީ؟ އެކަން އަޅުގަނޑުމެންވެސް ޓާގެޓުކުރީ، މިތާނގައި، މި ސްޓޭޖުގައި ސޮއިކުރެވޭ ވަރަށް ނިންމަން. އެހެންނަމަވެސް، އިޖުރާތްތައް އެކީގައި އަދި ނިންމައިނުލެވޭތީ، އަދި ކުޑަދުވަސްކޮޅެއް ލަސްވާގޮތްވީ ފަހުވަގުތު. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އެއީ ހަމަޖެހިފައި އޮތް ކަމެއް ކަމުގެ ޔަޤީންކަން. ގިނަވެގެން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެކަމާ ބަޔަކާ އެކީގައި، ކޮމްޕެނީއާ އެކީގައި އެގްރީމަންޓް އެބަ ހަދަން. ހަދައި، މި އަހަރު ތެރޭގައި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ފެށިގެންދާނެ. ހަމައެއާއެކީގައި، ބޭންކް ބްރާންޗުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ނިމިގެންދާނެ. އަދި ދެންހުރި މަސައްކަތްތައްވެސް.
ކުޅިވަރުގެ ދާއިރާއިން ފެށިގެންދިޔަ މަޝްރޫޢުތަކާއި، އަދި ކޯޒްވޭގެ މަސައްކަތަކީ، ޙަޤީޤަތުގައި ވަރަށް ކުރީއްސުރެ ފެށި، ސޮއިކޮށް، އެކި ގޮތްގޮތަށް ގޮސްފައި އޮތް، މިއަދު ޢަމަލީގޮތުން އަޅުގަނޑުމެން ފެށި މަޝްރޫޢެއް. އެއީވެސް ވަރަށް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްދާނެ މަޝްރޫޢުތައް.
ހަމަ އެގޮތަށް، ސޮއިކުރެވިގެން މިދިޔަ މަގު ހެދުމުގެ މަޝްރޫޢުވެސް، ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން. އަދި ފުޓްބޯޅަ ދަނޑު އަޅަންވެސް މި ސޮއިކުރި އެގްރީމަންޓަކީވެސް، އެގޮތުން ވަރަށް އިސްކަންދީގެން، އަޅުގަނޑުމެން ކުރިއަށް ގެންދާނެ މުހިންމު މަޝްރޫޢެއް. ހަމައެފަދައިން، އައިސް ޕްލާންޓް ގާއިމުކުރުންވެސް.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއިން ކޮންމެ ކަމަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ކުރީގައި ވަޢުދުތަކެއް ވެފައިހުރި ކަންކަން. އެހެންވީމާ، އަޅުގަނޑު މި މަސައްކަތްކުރަނީ، ރައްޔިތުންނަށް ވެފައިހުރި ކޮންމެ ވަޢުދެއްވެސް ފުއްދައިދިނުމަށް.
ދެން، މިއަދު ފެށިގެން މިދިޔަ ކޮންމެ މަސައްކަތަކީ، ދެންމެ އަޅުގަނޑު ދަންނަވާލި ފަދައިން، އެކަމަކާ ހަވާލުވި ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކާއި، ކުންފުންޏަކުން ވަރަށް ބޮޑު އިސްކަމެއްދީގެން، ހަމަ ރަނގަޅަށް، ފުރިހަމަކަމާއެކީގައި ނިންމައިދޭނެ ކަންކަން. އެހެންވީމާ، އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ދެން، އޭގެއިތުރަށްވެސް، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ވަރަށް ގިނަ މަސައްކަތްތައް ހުންނާނެ. އާދެ އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ރައްޔިތުންނަށް ވަޢުދުވަނީ، ވަޢުދު ފުއްދުމަށޭ. ސަރުކާރުން މަސައްކަތްކުރަނީ، ވަޢުދުތައް ޢަމަލީގޮތުން ފުއްދައިދީ ނިންމައިދޭން. ރައްޔިތުންނާ ގާތަށް މި އަންނަނީ، ރައްޔިތުން ބޭނުންވާ ކަންކަމުގެ އަޑުއަހަން. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭން. އެހެންވީމާ، އެގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނީ.
ދެން، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮންނާނެ އެންމެ ބޮޑު ސުވާލަކަށް ވާނީ، ތިޔަބޭފުޅުން އެންމެ ބޮޑަށް ބޭނުންވާ، އެއަރޕޯޓު މަޝްރޫޢަށް ކިހިނެއްތޯ ވާނީ؟ މި ދަތުރުގައި އަޅުގަނޑު އެކަން ފައިނަލެއް ނުކުރަން. އެއަރޕޯޓު ކަންތަކާ ބެހޭގޮތުން އަޅުގަނޑު ވަކިގޮތަކަށް ނުނިންމަން. އަޅުގަނޑު ކުރިންވެސް ދަންނަވާލި ގޮތަށް، މި އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމަކީ، އަޅުގަނޑުގެ ރިޔާސީ ވަޢުދެއް. އެކަން ކުރިއަށް ގެންދާނަން. އެކަން ކުރުމުގައި، ތިޔަބޭފުޅުންގެ ފަރާތްޕުޅުންވެސް އެބައޮތް ވަރަށް ވަރަށް ޓެކްނިކަލީ ވަރަށް ސައުންޑް ޕްރޮޕޯސަލެއް. ދެކޮޅުޖެހޭ ފީސިބަލް ޕްރޮޕޯސަލެއް ހުށަހަޅުއްވާފައި. ވަރަށް މަސައްކަތް ކުރައްވައިގެން ހުށަހަޅުއްވާފައި އޮތީ. ހުރިހާ އޭންގަލަކުން ކަންކަމަށް ވިސްނަވާފައި، ހުށަހަޅުއްވާފައި. ތިޔަބޭފުޅުންގެ މުޅި ކޮމިއުނިޓީގައި، މުޅި ރަށުގައި އޮތީ މިކަމުގައި އެއް ރޫހެއްކަން އަޅުގަނޑަށް އެނގޭ. އެއް ވިސްނުމެއްކަންވެސް އަޅުގަނޑަށް އެނގޭ. އަދި، އޭގެ ފައިދާތައްވެސް އަޅުގަނޑަށްވެސް ވިސްނޭ.
އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ، މި އަތޮޅުގައި މިކަން އަވަހަށް ނިންމަން. ނިންމާއިރުގައި، ދެކޮޅުޖެހޭ، ފީސިބަލް ވާނެގޮތަށް، ދުރު ރާސްތާއަށްވެސް މި އަތޮޅަށް ފައިދާވާނެ ގޮތަށް، އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން، އުމްރާނީ ތަރައްޤީގެ ގޮތުން، ދަތުރު ފަތުރުގެ ގޮތުން، މި ހުރިހާ ގޮތަކުން ވިސްނާފައި، އަޅުގަނޑުމެން ނިންމާނީ. އެއްގޮތަކަށްވެސް އަޅުގަނޑު މި ދަތުރުގައި ނުނިންމުމަކީ، މިކަން ނުކުރުމެއް ނޫން. އަޅުގަނޑު ހަމަ މި ދަންނަވަނީ، އަޅުގަނޑަށް ތިޔަބޭފުޅުންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ކަންތައް ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް އެނގޭ. އަޅުގަނޑު ތިޔަބޭފުޅުން ގާތަށް މިއައީވެސް، އަނެއްކާވެސް މިއައީވެސް، އަޅުގަނޑަށް އެކަން އެނގޭތީ. އިތުރަށްވެސް ތިޔަބޭފުޅުންނަށް އެކަމުގައި، ތިޔަބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތް، އަދި އަޅުގަނޑު ވިސްނާގޮތްވެސް ތިޔަބޭފުޅުންނާ ޙިއްޞާ ކުރުމަށް. ތިޔަބޭފުޅުންގެ ފަރާތްޕުޅުންވެސް އަޅުގަނޑާ އެކަން ޙިއްޞާ ކުރެވިގެން ދިޔުމަށްޓަކައި.
އެހެންވީމާ، މިއަދު އަޅުގަނޑު މިތާނގައި، މި ރަށުގައި ގާތްގަނޑަކަށް ނުވަވަރަކަށް މަޝްރޫޢުގެ، ނުވަވަރަކަށް ވަޢުދުގެ މަސައްކަތް މި ފެށީ. އަދި ކުރިއަށްވެސް ހުރީ ކަންކަން. މިސާލަކަށް، ދެންމެ މި ދަންނަވާލިހެން، ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުވެސް ހަމަ އެއޮތީ. މިމަސް ތެރޭގައި ސޮއިކުރެވޭނެ. އެކަންވެސް ކުރިއަށްދާނެ. ހަމަ އެގޮތަށް، މި ހުރިހާ ކަމެއްވެސް މިދަނީ. އެހެންވީމާ، ބާކީ މިއޮތީ ތިޔަބޭފުޅުންގެ އެންމެ ބޮޑު ކަންތައް. އެކަމުގައި އަޅުގަނޑުގެ ވިސްނުން މި ދެންނެވީ. އެއްގޮތަކަށްވެސް، އެކަމުގައި ތިޔަބޭފުޅުންގެ މާޔޫސްކަމެއް އޮންނާކަށް އަޅުގަނޑު ހިތުން އަދި ނުޖެހޭ. އެހެންވީމާ، އެ ވާހަކަ ޕޮޒިޓިވް ނޯޓެއްގައި ދަންނަވައިލާފައި އަޅުގަނޑު ވަކިވެލާނީ މިއަދު. އަޅުގަނޑު ދެކޭގޮތުގައި، ސަރުކާރުން ކަމެއް ކުރާއިރު ވިސްނަންވާނީ، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި، ތަރައްޤީ ލިބޭގޮތަށް ކުރަން. އެހެންވީމާ، އަދިވެސް އިތުރަށް ވިސްނާލައި، ހުރިހާ އޭންގަލަކުން ބަލައިލަނީ. އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމާނަން.
އާދެ، ހިތަދޫގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ، އަޅުގަނޑަށްވެސް ލިބޭނެ އުފަލެއް. އަޅުގަނޑުވެސް ވަރަށް ބޭނުން، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާން. އެހެންވީމާ، އެ ނޯޓާއެކީގައި އަޅުގަނޑު ވަކިވެލާނަން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން އަރިހަށް އަނެއްކާވެސް އަންނަން އުންމީދުކުރަން. މިހިރަ ގިނަ ކަންކަން ނިމިގެން، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމަށްޓަކައިވެސްމެ. އާދެ، އެ ދުވަހުގެ އުންމީދުގައި، މިއަދު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَىގެ ހެޔޮ ތައުފީގު، ބަރަކާތް މިންވަރު ކުރެއްވުން. ދިވެހި ޤައުމުގެ ތަރައްޤީގައި އުފާފާގަތި ދުވަސްތައް އަޅުގަނޑުމެންނަށް ދައްކަވައިދެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ