ގަތަރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ގަތަރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަދި ކެބިނެޓު މެންބަރު، ސުލްޠާން ބިން ސާދް ބިން ސުލްޠާން އަލްމުރައިޚީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި ގަތަރުގެ ސަރުކާރުގެ ދީލަތި އެހީއާއެކު ދިވެހިރާއްޖެއަށް އައިސްފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަން ކުރައްވާފަ އެވެ.
ގަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ ވާހަކަފުޅުގައި ވަނީ، މިދަތުރުފުޅުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުހަބާ އާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރާއްޖެ އާއި ގަތަރާ ދެމެދުގައިވާ އަހްވަންތަކަމުގެ ގުޅުމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ވަނީ، ތަރައްގީއަށް މަސައްކަތް ކުރުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމުގެ ގޮތުން ހުރި އިތުރު ފުރުސަތުތައް ދެނެގަތުމަށް، ގަތަރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ދެ ގައުމަށް ވެސް ފައިދާކުރަނިވި ދާއިރާތައް ކަމުގައިވާ، ހަކަތަ އާއި، ތައުލީމާއި، ވުނަކުރުމާއި، ސަގާފަތާއި، ސިއްހީ ފަރުވާ ފަދަ ދާއިރާތަކުން، އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމުގެ މައްޗައްވެ ސް މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ