އުފާވެރި، ހިތާމަވެރި، ޝައުގުވެރި ތަޖުރިބާތަކުގެ ތެރެއިން ކާމިޔާބީއަށް ވާސިލުވާ މީހާ އެވަނީ 'މީހަކަށް': ޑރ. އަޝްރަފް
ދިރިއުޅުމުގައި އުފާވެރި، ހިތާމަވެރި އަދި ޝައުގުވެރި ތަޖުރިބާތަކުގެ ތެރެއިން ކާމިޔާބީއަށް ވާސިލުވާ މީހާ އެވަނީ 'މީހަކަށް' ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެއެވެ. ޞަލާޙުއްދީން ސްކޫލުގެ ފުރަތަމަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި މީހާގެ ހަޔާތުގައި އަންނަ ބަދަލުތަކަށް ސަމާލުވާންޖެހޭނެ ކަމަށެވެ. އެ ބަދަލުތަކުގެ ތެރޭގައި އުފާވެރި، ހިތާމަވެރި ނުވަތަ ޝައުގުވެރި ތަޖުރިބާތައް ކުރަންޖެހޭނެ ކަމަށާއި، ކާމިޔާބީއާ ހަމައަށް ވާސިލުވެވޭވީ އެ ހުރިހާ ތަޖުރިބާތަކެއް އުނދަގުލުން ނަމަވެސް ކަޑައްތު ކޮށްގެން ކަމަށް އަޝްރަފް ވިދާޅުވިއެވެ. "އިބުރަތް ލިބިގަނެ އުފާވެރި، ހިތާމަވެރި، ޝައުގުވެރި ތަޖުރިބާތަކުގެ ތެރެއިން ފޭދިގެން ގޮސް ކާމިޔާބަކާ ހަމައަށް ވާސިލުވާ މީހާ އެވަނީ 'މީހަކަށް'،" ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެން އަޝްރަފް ވިދާޅުވިއެވެ. ދަރިވަރުންގެ ސްކޫލު ދައުރުގައި އެންމެ ބޮޑަށް އިސްކަންދޭންވީ ކަންކަމަކީ ދީނީ ކަންކަމަށް ސަމާލުވެ، މުދައްރިސުން ދައްކާ ވާހަކަތައް ކަނުލައި އަޑުއަހައިގެން ކުރިއަށް ދިޔުންކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ ގިނަ ކުދިން ތިބޭ ކްލާހެއްގައި ކިޔަވައިދޭން އަންނަ މުދައްރިސަކަށް ބުރަ ނުޖައްސައި ކުރިއަށްދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންވީމަ ތިޔަކުދިންނަށް ދޭން އޮތް ނަސޭހަތަކީ ޓީޗަރަށް އެހާ ބުރަ ނުޖައްސަމާތޯއޭ. އަޅުގަނޑުމެން ދަރިވަރުން އުޅޭށޭ ޓީޗަރުގެ މިޒާޖަކީ ކޮބައިތޯ ބަލާފަ އެގޮތަށް އަޅުގަނޑުމެން ބަދަލުވާން. އޭރުން އަޅުގަނޑުމެންނަށް އެއްޗެއް ލިބޭނީ. އޭރުން އަޅުގަނޑުމެންނަށް އެއްޗެއް އުނގެނެވޭނީ. އެހެންނޫނިއްޔާ ޓީޗަރު ވަރަށް ދަތި ހާލުގައި އުޅޭނީ، ޑރ. އަޝްރަފް އަބްދުއްރަހީމް އަޝްރަފް ވިދާޅުވި ގޮތުގައި ދަރިވަރުން ކުރަންވީ ކަމަކީ މުދައްރިސުންނާ އެކުވެރިވެ، ބައިވެރިވެ، ދަރިވަރުންގެ މިޒާޖު މުދައްރިސުންނާ އެއްގޮތަށް ބަދަލުކުރުމެވެ. އަމިއްލަ ތަޖުރިބާގެ އަލީގައި އަޝްރަފް ވިދާޅުވީ، މުދައްރިސެއްގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އުފަލަކީ ކިޔަވައިދިން ދަރިވަރުން އައިސް 'މުދައްރިސް' އޭ ބުނެ ގޮވައިލާ ގޮވައިލުން ކަމަށެވެ. ދިރިއުޅުމުގައި އޭނާ ހޯދާފައިވާ ސަނަދަކުން ނުވަތަ ހުރި މަގާމަކުން ލިބޭ އުފަލަށްވުރެ އެ އުފާ މާ ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. "މިއަދުވެސް އަޅުގަނޑު ކިޔަވައިދިން ކުދިން އައިސް ސަލާން ކޮށްފަ، ޑރ. އަޝްރަފްއޭ ބުނުމުގެ ބަދަލުގަ އަޝްރަފް ސަރ، އަޝްރަފް މުދައްރިސްއޭ ބުނީމަ އެ ލިބޭ ހިތްހަމަޖެހުމާ އުފާ މާބޮޑު. ޓީޗަރަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ދަރިވަރުން ހޯދާ ކާމިޔާބީތައް،" އަޝްރަފް ވިދާޅުވިއެވެ. އޭގެ އިތުރުން ދަރިވަރުން ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި މައިންބަފައިންނަށާއި މުދައްރިސުންނަށް ކިޔަމަންތެރިވުމުގެ މުހިންމުކަން ވެސް އަޝްރަފް ވަނީ ފާހަގަކުރައްވައިފައެވެ. އޭގެ ބަދަލުގައި މިއަދު ޒަމާން ބަދަލުވަމުން އައިސް މައިންބަފައިންނާ ދަރިންނާ ދެމެދު އޮންނަ ގުޅުން ވެސް ހީނަރުވަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ. "އެހެންވީމަ މައިން އެބަޖެހޭ ކުދިންނާ ވަރަށް ގާތްވާން. ކުދިން އެބަޖެހޭ މައިމީހާގެ ގައިގައި ބައްދާލެވެން. އެކަމު ކޮން ދަރިއަކަށްތޯ މަންމަގެ ގައިގައި ބައްދާލާފަ ބުނެލެވުނީ އޭ މަންމާއޭ އަހަރެން މަންމަދެކެ ވަރަށް ލޯބިވެއޭ. ދިވެހީން މި އިބާރާތް ބުނެލަބަލަ މަންމަ ކައިރީ ބައްދާލާފަ ރޭގަނޑު އޮށޯތުމުގެ ކުރިން. މަހަކު އެއްފަހަރު! މަހަކު އެއްފަހަރު މަންމަގެ އިހުސާސް ކޮށްލަބަލަ މޭގަ ޖައްސާލާފަ،" އަޝްރަފް ވިދާޅުވިއެވެ. އަޝްރަފް ވިދާޅުވި ގޮތުގައި ލޯތްބަކީ އެއްގޮތަކަށް ވެސް ޓޮޕް 10އަށް އަރައި ނުވަތަ މަތީ މަގާމުތަކެއް ހޯދައިގެން ކާމިޔާބުވެގެން ވާ އެއްޗެއް ނޫނެވެ. ލޯބިވުމަކީ އަޚުލާގުކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ މައިމީހާއަށް ނުވަތަ މުދައްރިސަކަށް ވެސް ކިޔަމަންތެރިވެގެން ނޫނީ ލޯތްބެއް ނުލިބޭނެ ކަމަށެވެ. ވާހަކަ ނިންމަވައިލައްވަމުން އަޝްރަފް ވިދާޅުވީ ގައުމަށް ބޭނުންތެރި ދަރިއެއްގެ ގޮތުގައި ނުކުތުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެކަން ކުރެވޭނީ ރަނގަޅު އަޚުލާގުގައި ހުރެ، ވަށައިގެން ހުރި ނުރައްކާތަކުން ސަލާމަތްވެ ހުރެގެން ކަމަށެވެ. "މަށިން އުފެދިފައިވާ އިންސާނާ ނިމި ގޮސް އަލުން މައްޓަށް ވާއިރު ގައުމަށް ފައިދާކުރުވަނިވި ކަމެއް ނުކުރާނަމަ އެއީ ކީއްކުރާ އިންސާނެއްތޯ؟ އުޅުމަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ!" އަޝްރަފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ