ގިނަ ކޮޅުވެއްޓިތަކުގައި މަސަކައްކަތްކުރަނީ ނާގާބިލު ކެޕްޓަނުން: މިނިސްޓްރީ

ކޮޅުވެއްޓިއާއި ޓަގުބޯޓުފަހަރުގައި މިހާތަނަށް މަސައްކަތްކުރަމުން އައީ އެ އުޅަނދުފަހަރު އޮޕަރޭޓްކުރުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކެޕްޓަނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ބުނެފިއެވެ. ކޮޅުވެއްޓިފަހަރުގައި ގާބިލުކަމެއް ނެތް ކެޕްޓަނުން މިހާތަނަށް މަސައްކަތްކުރަމުން އައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިދިޔަ އާދީއްތަ ދުވަހު މާލޭގައި ހުންނަ އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދެ މީހަކު ނިޔާވުމާ ގުޅިގެންނެވެ. އެ ހާދިސާ ހިނގިގޮތް ބަލައި އެމްޕީއެލުން ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން ހުރި މީހާއަކީ އެ ކަމުގެ އެއްވެސް ލައިސަންސެއް އޮތް މީހެއްނޫން ކަމަށާއި އެ ކަމަށް އިރުޝާދު ދިނުމުގެ ގާބިލުކަމެއް ނެތް މީހެއް ކަމަށް އެމްޕީއެލުން ނެރުނު އެ ބަޔާނުގައިވެއެވެ. https://sun.mv/213579 އެއާއެކު މިރޭ މިނިސްޓްރީން ކުރި އިއުލާނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކޮޅުވެއްޓިތަކާއި ޓަގުބޯޓުފަހަރު އޮޕަރޭޓްކުރުމުގައި ކަނޑައަޅާފައިވާ ގަވައިދުތަކާ ޚިލާފަށް އަމަލުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގިކަން ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓްރީން ބެލިބެލުމުން އެ އުޅަނދުފަހަރު އޮޕަރޭޓްކުރަމުން ދިޔައީ އެއްވެސް ގާބިލުކަމެއް ނެތް ކެޕްޓަނުން ތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ، ކޮޅުވެއްޓިއާއި ޓަގުބޯޓުފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތްކުރެވޭނެ މީހުންނަކީ ކޮބައިކަން ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ކޮޅުވެއްޓިފަހަރު ނުވަތަ ޓަގުބޯޓުފަހަރު ނުވަތަ ބާޖުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ އެ ވައްތަރެއްގެ އުޅަނދުފަހަރާ ގުޅޭ ސަނަދު ލިބިފައިވާ ފަރާތްތަކަށް އެކަނި ކަން، ގަވައިދާ ހަވާލާދީ މިނިސްޓްރީން ބުންޏެވެ. އެއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކޮލުވެއްޓިފަހަރާއި ޓަގުބޯޓުފަހަރު، އެ އުޅަނދެއް ދުއްވުމުގެ ގާބިލުކަން ހުރި ކެޕްޓަނެއް ލައްވާ ދުއްވުމަށާއި، އެ އުޅަނދުފަހަރަށް ތަކެތި ބަރުކުރުމުގައި ބެލެންސް ނުގެއްލޭނެހެން ތަކެތި ބަރުކޮށް ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަން ދޭންޖެހޭ ކަންކަމަށް އިތުރަށް ސަމާލުވާން އެދިފައެވެ. މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާގައި ކޮޅުވެއްޓި ބަންޑުންޖަހާލައިފައި -- ފޮޓޯ/ މެރިން ޕޮލިސް މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާގައި ކޮޅުވެއްޓި ދުއްވަން އިން ކައްޕިގެ އިރުޝާދާ އެއްގޮތަށް ދެ ހައިމާކު ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު މަސައްކަތް ނިންމާލައި މަސައްކަތަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގި ނަމަވެސް މަސައްކަތް ނިންމާލި ފަހުން ކައްޕިގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ކޮޅުވެއްޓީގެ ކުރީކޮޅުގައި ހުރި ހައިމާކު ފަހަތަށް ޖެއްސިކަން ފާހަގަވި ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ބުންޏެވެ. އެހެންވެ، ކޮޅުވެއްޓީގެ ބެލެންސް ކަޓައި ބަންޑުން ޖަހާލަން މެދުވެރިވީ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެމްޕީއެލުން ބުނީ ކޮޅުވެއްޓިއަށް ދެ ހައިމާކު ބޭލުމުގެ އޮޕަރޭޝަންތައް ފުރިހަމަކޮށް ނިންމާފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މިފަދަ އޮޕަރޭޝަންތަކުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުފަހަރުގެ ކައްޕިއާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންކަމަށް އަމަލުކުރަމުން ގޮސްފައިވާ ނުވާ ކަމަށް އެމްޕީއެލުން ބުންޏެވެ. ނަމަވެސް މި ހާދިސާއަށް ފަހު އެ އުސޫލު މުރާޖައާކޮށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ