ޞިއްޙީ ދާއިރާގެ 30 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވައިފި

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޞިއްޙީ ދާއިރާގެ 30 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާސެލޯ ނަސަންދުރާގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާއާއި މަސައްކަތް ހަވާލު ކުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި 30 މަޝްރޫޢުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާއި، އައު ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ.
މަޝްރޫޢުތައް ހަވާލުކުރެވުނު ކުންފުނިތަކުގެ ތެރޭގައި އެކި ދާއިރާތަކުގެ ކުންފުނިތައް ހިމެނެއެވެ. މިގޮތުން، ލ. މާވަށު، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގއ. ދެއްވަދޫ، އަދި ގއ. ނިލަންދޫގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްއާއެވެ. އަދި ލ. އިސްދޫ ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރެވުނެވެ.
މީގެ އިތުރުން، ހދ. ހަނިމާދޫ، ހދ. މަކުނުދޫ، އަދި ހދ. ވައިކަރަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެލްއެމްއޭ އިންވެސްޓްމެންޓްއާ ހަވާލުކުރެވުނުއިރު، ގދ. މަޑަވެލި އަދި ގއ. މާމެންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ށ. ފޭދޫ އަދި ށ. ބިލެއްފަހި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޕާފެކްޓް މަލަފެހި ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރެވުނެވެ.
އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި ފ. މަނގޫދޫ، ދ. މާއެނބޫދޫ، ނ. ޅޮހީ، ބ. ކެންދޫ، އއ. މާޅޮހު، ބ. ކަމަދޫ، ގއ. ކަނޑުހުޅުދޫ، މ. ދިއްގަރު، ގދ. ވާދޫ، ރ. ރަސްގަތީމު، ޅ. އޮޅުވެލިފުށި، ދ. މީދޫ، ނ. ހޮޅުދޫ، ގއ. ގެމަނަފުށި، އަދި ބ. ކިހާދޫގެ ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ރީ-ޑެވެލޮޕް ކުރުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރެވުނެވެ. އަދި ގދ. ރަތަފަންދޫގައި ޞިއްޙީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ހައިޑްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ ރަށްރަށުގެ ޞިއްޙީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ބޭނުންވާ ފެންވަރުގެ ޚިދުމަތްތައް ގާތުން ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ