ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ސައޫދީއާއެކު ފަސް އަހަރުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ރާއްޖޭގެ ޝަރުއީ ނިޒާމާއި އިދާރީ އުސޫލުތަކާއި ގާނޫނީ އުސޫލުތައް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުން އިތުރުކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ސައޫދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީއާއެކު ފަސް އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ސުޕްރީމް ކޯޓާއި ސައޫދީގެ ޖަސްޓިސް މިނިސްޓްރީން މި ފަހުމުނާމާގައި މިއަދު ސޮއިކުރީ ސައޫދީގެ ވެރިރަށް ރިޔާޟުގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގައެވެ. އެގޮތުން މި ފަހުމުނާމާގައި ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އަދި ސައޫދީގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖަސްޓިސް މިނިސްޓަރު ޑރ. ވަލީދު ބިން މުޙައްމަދު އައް-ޞަމްޢާނީއެވެ. ސުޕްރީމް ކޯޓުން ބުނީ، މިއީ ފަސް އަހަރު ދުވަހުގެ ފަހުމުނާމާއެއް ކަމަށެވެ. https://x.com/SCMaldives/status/1992586650439004618 މި ފަހުމުނާމާއަކީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި އަރަބި އިސްލާމީ ގައުމެއްގެ ޖުޑީޝަރީއާ ދެމެދު ސޮއިކުރެވުނު ފުރަތަމަ ފަހުމުނާމާ ކަމަށް ވެސް ސުޕްރީމް ކޯޓުން މައުލޫމާތުދެއެވެ. މި ފަހުމުނާމާގެ ދަށުން، ދެ ގައުމުގެ ޝަރުއީ ނިޒާމުތަކާއި، ގާނޫނީ އުސޫލުތަކާއި އިދާރީ އުސޫލުތައް ހަރުދަނާކުރުން ހިމެނޭހެން ހަ ދާއިރާއަކުން ދެ ގައުމުގެ ދެމެދު އެއްބާރުލުން ދެވިގެން ދާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެގޮތުން މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާތަކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަމާއި ހުނަރުތައް ކުރިއެރުވުމަށާއި، ޝަރުއީ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދެ ގައުމުގެ ޝަރުއީ ނިޒާމުގެ މައުލޫމާތު ބަދަލުކުރުމާއި، ދެ ގައުމުގެ ތަޖުރިބާ ހިއްސާކުރުމާއި، އިލްމީ އެކި ކޮންފަރެންސްތަކާއި ތަމްރީނު ޕްރޮގްރާމްތައް އިންތިޒާމުކޮށް ބޭއްވުމަށް އެއްބާރުލުން ދެވިގެން ދާނެ ކަމަށްވެސް އެ ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ