ޕްރެސް ކައުންސިލްގެ މަޝްވަރާއަށް އެމްޖޭއޭގެ ޓީމެއް ލަންކާއަށް

ދިވެހި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކުގެ އިތުރަށް، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން އުފައްދާ ޕްރެސް ކައުންސިލްގެ މަޝްވަރާއަށް އެ ޖަމިއްޔާގެ ޓީމެއް ސްރީ ލަންކާއަށް މިއަދު ފުރައިފި އެވެ.
ވީ ކިހިނެއް؟ - ސީނިއާ ހަތަރު ނޫސްވެރިން ހިމެނޭ މި ޓީމުގެ ދަތުރަކީ ހަތަރު ދުވަހުގެ ދަތުރެކެވެ.
ޓީމުގައި ހިމެނެނީ:
އެމްޖޭއޭގެ ބާނީ އަދި ޕްރެސް ކައުންސިލް އުފެއްދުމަށް އެ ޖަމިއްޔާއިން އެކުލަވާލި ކޮމިޓީގެ މުގައްރިރު އަހްމަދު ޒާހިރު (ހިރިގާ)
އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް
އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން
އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ސަލީމް
ތަފްސީލު - އެމްޖޭއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތާ ގުޅޭ ގޮތުން ބައެއް ފަރާތްތަކާ އެކު ބައްދަލުވުންތައް ބޭއްވުމަށް މި ދަތުރުގައި ހަމަޖެހިފައިވެ އެވެ.
ހާއްސަކޮށް، މީޑިއާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިފަހުން ހެދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނާއި އޭގެ ދަށުން އުފެއްދި މީޑިއާ ކޮންޓްރޯލް ކޮމިޝަން ނުވަތަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދީފައިވާ ބޮޑެތި ބާރުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެކަން ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ނޫސްވެރިން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއްދީ، މީޑިއާ ކޮންޓްރޯލް ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ކުރިން އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމް އުވާލައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އާ ކޮމިޝަނެއް މިހާރު ވަނީ އުފައްދާފަ އެވެ.
އެ ކޮމިޝަންގެ އިންތިހާބު ގިނަ މީޑީއާތަކުން ބޮއިކޮޓްކޮށްފައިވާއިރު، އެމްޖޭއޭއިން ސެޕްޓެމްބަރު ފަހުކޮޅު ވަނީ މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް ޕްރެސް ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ.
ބުނީ ކީކޭ؟ - އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އަހްމަދު ޒާހިރު މިއަދު 'ދައުރު'އަށް ވިދާޅުވީ، ލަންކާއަށް ކުރާ ދަތުރުގެ މައިގަނޑު އަނެއް މަގްސަދަކީ ވެސް އެ ކައުންސިލް އުފެއްދުމަށްޓަކައި ބޭނުންވާ ފަންނީ ލަފަ އާއި އެހީތެރިކަން ހޯދުން ކަމަށެވެ
"މި ދަތުރުގައި އަޅުގަނޑުމެން ލަންކާގެ މި މި މެކޭނިޒަމް އޮންނަ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ. އަދި ބޭރުގެ ފަރާތްތަކާ އެކު މިކަމަށް ލިބެން އޮތް އެހީތެރިކަމެއް ހޯދުމަށް ވެސް ވާހަކަ ދައްކާނެ،" 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ އަހްމަދު ޒާހިރު ވިދާޅުވި އެވެ.
މިދަތުރުގައި ލަންކާގެ ޕްރެސް ކޮމްޕްލެއިންސް ކޮމިޝަނާއި އެ ގައުމުގެ ނޫސްވެރިކަމުގެ ޖަމިއްޔާތަކާއި ބޭރުގެ އެކި މިޝަންތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން އަދި ބައެއް ގައުމުތަކުގެ ސަފީރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ