އަންނަ އަހަރު މެދުތެރޭ ޑޮލަރުގެ އަގު 25އަށް އަރާނެ، އެއީ ފައިސާ ޗާޕްކުރުމުގެ ނަތީޖާ: ޣަފޫރު
ޑޮލަރުގެ އަގު އުފުލެނީ ސަރުކާރުން ފައިސާ ޗާޕުކުރާތީ ކަމަށާއި، އަންނަ އަހަރު ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރާނެ ކަމަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މި ބަޖެޓަކީ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަން ސާފުނުވާ، ޤާނޫނާއި ޤަވައިދާ ޚިލާފަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ. ބަޖެޓުގައި ހިނގަންޖެހޭ މަޝްރޫއުތަކުގެ ތަފްސީލު އޮންނަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮތް ނަމަވެސް، މިއަހަރުގެ ބަޖެޓުގައި އޭގެ އެއްވެސް ތަފްސީލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ ބަޖެޓުގައި އެކަށައަޅާފައިހުރި ބޮޑެތި މަސައްކަތްތައް ވެސް ހުރީ ނުނިމިކަމަށް ވިދާޅުވިއެވެ. އޭނާގެ ދާއިރާގެ ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށް ޓިނު ބިތްގަނޑެއް ޖަހާފައި ހުރިގޮތަށް އެ ތަން އޮތީ ކަމަށާއި، އެ ރަށުގެ މަގުތަކުގެ މަސައްކަތް ކުރަމުންދާ ތަން ވެސް ނުފެންނަ ކަމަށެވެ. ހަމަ އެހެންމެ ހދ. ނާވައިދޫގައި ބިން ހިއްކައިދިނުމާއި ހދ. ފިނޭގައި ސްކޫލެއް އެޅުން ފަދަ މަސައްކަތްތައް އޮތް ނަމަވެސް ކުރިއަށްދާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. "އެހެން ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ވެސް އަދި އަންނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރުގައި ވެސް މި ބަޖެޓު ނިމޭނެކަމުގެ އުންމީދެއް ރައްޔިތުންގެ ކިބަޔަކު ނެތް،" އެ ދާއިރާގައި ހިމެނޭ ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެ ރަށުގައި ގާއިމްކުރަން ހަވާލުކުރުމަކީ އެ ރަށު ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެ، ޣަފޫރު ފާޑުވިދާޅުވިއެވެ. މީގެ އިތުރުން ޣަފޫރު ވިދާޅުވީ، ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު 158 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށެވެ. "އޭގެ މާނައަކީ މުޅި ދައުލަތުގެ ދަރަނީގެ 27 ޕަސެންޓަކީ މި ސަރުކާރުން މި ތިން އަހަރުތެރޭ އުފައްދާ ދަރަނި، މިއީ އަޅުގަނޑުމެންނަށް ފޮތުން ފެންނަން އޮތް ހަގީގަތަކީ، މިއަދު ދަރަނި ބޮޑުވެ ދަރަނި ނުދެއްކޭ ހާލަތުގައި ވާހަކަދައްކާއިރު ތިން އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް ދަރަނި ނަގާފައި އެބައޮތް،" އޭނާ ވިދާޅުވީ އޭޕްރިލް މަހު ދައްކަންޖެހޭ ދަރަނި ދެއްކުމަށް ޓަކައި ސަރުކާރުން 400 މިލިއަން ޑޮލަރު ދަރަންޏަށް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު ދެބައިކުޅަ އެއްބައި މުވައްޒަފުންގެ މުސާރަވީ ކުޑަ ކަމަށާއި، އާސަންދައާއި އެ ނޫން ވެސް ޚިދުމަތްތައް ނުލިބި ދަތިވާތީ ރައްޔިތުން ޝަކުވާކުރަމުން އަންނަ ކަމަށް ވިދާޅުވެ، ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބަޖެޓުގައި ދެ ބިލިއަން ރުފިޔާ ހިމެނުމުން އެ ފައިސާއިން ކުރަނީ ކީއްތޯ ވެސް އަބްދުލްޣަފޫރު ސުވާލު އުފެއްދެވިއެވެ. "ޑޮލަރުގެ އަގު ތިރިވާނެ ކަމަށް ބުނިއިރު މިއަދު ޑޮލަރުގެ އަގު ހުރީ 20 އިން މަތީގައި، ސަރުކާރުން ފައިސާ ޗާޕުކުރަމުން ނުދާ ކަމަށް ބުނި ނަމަވެސް ޗާޕުވަމުން ދާތީ ޑޮލަރުގެ އަގު އިންތިހާއަށް އަރައިގެން މި ދަނީ، މިއަހަރުގެ މެދާ ހިސާބަށް ދާއިރު ޑޮލަރު ރޭޓު 25 ރުފިޔާގައި ހުއްޓިފައި ހުންނާނެ،" އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ހާލަތު މިހާރަށް ވުރެ ގޯސްވެ، މުޅި ދައުލަތް ބޮއްސުންލައިގެން ހިނގައްޖެ ކަމަށާއި، އެކަމުގެ ނުރަނގަޅު އަސަރުކުރަނީ ދައުލަތުގެ ތެރޭ ވައްކަން ކުރާ މަންޒަރު ފެންނާތީ ކަމަށްވެސް އަބްދުލްޣަފޫރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ