ފައެނާގެ ފިރިމީހާގެ އަތުން ފެނުނު ކަމަށް ތުހުމަތު ކުރާ ޑްރަގް، ޓްރެފިކިން މިންގަނޑަށް ފެތޭ!
މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ހައްޔަރު ކުރި ބަންޑާރަ ނާއިބު އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒްގެ ފިރިމީހާ އަތުން ފެނުނު ކަމަށް ފުލުހުން ތުހުމަތު ކުރާ މަސްތުވާތަކެތި، ޓްރެފިކިން މިންގަނޑަށް ފެތޭކަން އެނގިއްޖެއެވެ. މިދިޔަ މަހު، ވަނީ ހުޅުމާލޭ ގެއެއް ބަލައި ފާސްކޮށް, ފައެނާ އާއި އޭނާގެ ފިރިމީހާ އަހްމަދު އަޒްހަދު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ފައެނާ ވަނީ ޖެހިގެން އައި ދުވަހު މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ދޫކޮށްލާފައެވެ. އެކަމަކު، އޭނާގެ ފިރިމީހާ އޭރުއްސުރެ ހުރީ ބަންދުކޮށްފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ފައެނާގެ ފިރިމީހާގެ ބަންދު ދެތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން އޭނާގެ ބަންދަށް ޖެހީ 16 ދުވަހައެވެ. އެންމެ ފަހުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ފައެނާއާއި އަޒްހަދު ދިރިއުޅޭ އެޕާޓްމެންޓުން ހަތް ގްރާމްގެ ކެނަބިސް އަދި ނުވަ ގްރާމްގެ ޑައިމޯފިން އަދި 19 ގްރާމް 2މީތާއިލްމެތްކެތިނޯން ފެނުނެވެ. އަދި އެފަދަ ވިޔަފާރި ކުރާ މީހުން ގެންގުޅޭ ބައެއް ކަހަލަ އާލާތްތައް ވެސް އެ ތަނުން ފެނިފައިވާކަން އައިއޯއާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވާއިރު، ހުށަހަޅާފައިވާ ތަކެތީގެ ބަރުދަން ޓްރެފިކަން މިންގަނޑަށް އަރާކަން ފާހަގަކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން، ފައެނާގެ ދެމަފިރިން ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނެއްގައި، ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓަކުންނެވެ. އެއީ އެ ދެމަފިރިން އުޅޭ އެޕާޓްމެންޓް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ފައެނާ ދޫކޮށްލި ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ ފިރިމީހާވަނީ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ، ސީނުގައި ހަވާލުވެފައެވެ. ފައެނާ އަކީ ބަންޑާރަ ނައިބު އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަން ވެސް ބަލަހައްޓަވާ ވަކީލެވެ. ފައެނާ އޭޖީ އޮފީހުގައި ހިދުމަތް ކުރައްވާތާ ވަނީ 12 އަހަރު ވެފަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފުއްދުމުގެ ގޮތުން އުފެއްދެވި ސިވިލް ރައިޓްސް އޮފީހުގެ ވެރިއަކަށް ފައެނާ ހަމަޖެއްސީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު 26 ނޮވެމްބަރު 2023ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ