ދެން އަންނަ ސަރުކާރަކުން ދައްކަން ޖެހޭނެ ދަރަނި ވެސް ހުންނާނެ: ޒަމީރު ދެން އަންނަ ސަރުކާރަކުން ދައްކަން ޖެހޭނެ ދަރަނި ވެސް ހުންނާނެ: ޒަމީރު

ކުރިއަށް އޮތް ތަނުގައި ދެން އަންނާނެ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި އޮންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިފަދައިން ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މި ސަރުކާރުން ދަރަނި ދައްކަމުންދާ ވާހަކަ މިނިސްޓަރު ތަކުރާރުކޮށް ފާހަގަކުރެއްވުމުން އެކަމާއި ހިތްހަމަނުޖެހި ސުވާލު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.
"ވަރަށް ގިނައިން އެބަ ދެކެވޭ ލޯނުތައް ދައްކާ ވާހަކަ. އަޅުގަނޑު ހިތަށް އަރާ 2028 ގައި މި ސަރުކާރު ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ ލޯނެއް ދައްކާ ހަލާސްކުރެވިދާނެތޯ،" ނާޒިލް ވިދާޅުވި އެވެ.
އަބަދުވެސް ދައުލަތުގެ ލޯނު ނުވަތަ ދަރަނި ހުންނާނެ ކަމަށާއި މިދިޔަ ސަރުކާރުން ވެސް އޭގެ ކުރިން ނަގާފައި ހުރި ލޯނުތައް ދިޔައީ ދައްކަމުންކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ، އޭރު ލޯނު ދައްކާ ވާހަކަ އަބަދު ނުދައްކާ ކަމަށެވެ.
"އަޅުގަނޑުގެ ސުވާލަކީ. 2028 ގައި މި ސަރުކާރު ނިމިގެންދާއިރު، ދެން ހަވާލުވާ ސަރުކާރަކުން ދައްކަން ޖެހޭ ލޯނެއް އޮންނާނެތޯ. ނޯންނާނެތޯ،" ނާޒިލް ވިދާޅުވި އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ދަރަނީގެ އަދަދު މަދުވާނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖޭގެ ނިޒާމު ބިނާވެފައިވަނީ ދަރަންޏާއި ނުލާ ހިންގޭ ގޮތަކަށް ނޫން ކަމަށެވެ.
"ދަރަނި ހުންނާނެ އިނގޭތޯ. ސީދާ އެ ސުވާލަށް ޖަވާބު އަރުވައި ކަމަށް ވަންޏާމު ދަރަނި ހުންނާނެ. އެކަމު މީގަ ތަފާތަކީ އިނގޭތޯ. އިއްޒަތްތެރި މެންބަރު. އަޅުގަނޑަށް ހީވަނީ ދަރަނީގަ މި ދިމާވާ މައްސަލައަކީ. މި ވަރަށް އެލެމެންޓަރީ ލެސަން އެއް ކަންނޭނގެ،" ޒަމީރު ވިދާޅުވި އެވެ.
މި ހިސާބުން ނާޒިލް ވަނީ ސުވާލަށް ޖަވާބު ލިބިއްޖެ ކަމަށް ވިދާޅުވެ، ޒަމީރުގެ ޖަވާބު ކުރުކޮށްލާ އިތުރު ސުވާލުތަކަށް ވަޑައިގެންފަ އެވެ.
އަންނަ އަހަރަކީ މި ފަހުގެ ތާރީހެއްގައި ދައުލަތުން އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކާނެ އަހަރެވެ.
އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ. މުއިއްޒު ވިދާޅުވި 9.3 ބިލިއަނަކީ އަންނަ އަހަރުގެ ކުރީކޮޅު މެޗުއާ ވާ ސުކޫކާއި ބޮންޑުގެ ޕޭމަންޓަށް އަރާނެ ހަރަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ