ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ބަޖެޓުގައި ނުހިމަނާ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ސުވާލުކުރުމުން، މިހާރު ސަރުކާރުން ޕްރޮޖެކްޓުތަކަށް ހަރަދު ކުރަމުން ދަނީ ވަކި އަދަދެއް ބަޖެޓު ނުކޮށް، ޖުމުލަ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ތަފުސީލުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) އެކުލަވާލި ފަހުން ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނަމުން އައި މައުލޫމާތެވެ. މި ތަފުސީލުތަކުގެ ތެރޭގައި ރަށާއި، ޕްރޮޖެކްޓުގެ ނަމާއި، ބަޖެޓުން ހަރަދުވީ ކަމަށް ނުވަތަ ވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދު ހިމެނެ އެވެ.
ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓު، އެއީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓު، ގައި ޕީއެސްއައިޕީ ތަފުސީލުތައް ނުހިމަނަ އެވެ. މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހާ ވެސް އެ މައުލޫމާތު ހިއްސާ ނުކުރެ އެވެ. އޮޑިޓު އޮފީހުން ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އިއްޔެ ދިން މައުލޫމާތުން އެނގުނީ އެ އޮފީހާ ވެސް އެ މައުލޫމާތު ހިއްސާ ނުކުރާ ކަމެވެ.
ފިނޭންސް މިނިސްޓްރީ ހާޒިރުކޮށްގެން ކުރިއަށް ދިޔަ ބަޖެޓު ދިރާސާ ކޮމިޓީގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެ ތަފުސީލުތައް ކޮބައިތޯ އާއި އެ މައުލޫމާތު ހިއްސާނުކުރަނީ ކީއްވެގެންތޯ ވަޒީރާ ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އަދި މިހެން ތަފުސީލެއް ނެތް ބަޖެޓަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރުކުރުވާނީ ކިހިނެއްތޯ ވެސް މެންބަރުން ސުވާލު ކުރި އެވެ.
މިހެން ކުރި އެއް ސުވާލުގެ ޖަވާބުގައި ޒަމީރު ވަނީ ގާނޫނު އޮތް ގޮތުން ޕްރޮޖެކްޓުތަކުގެ ތަފުސީލުތަކަކީ ބަޖެޓުގައި ހިމަނަން އޮންނަ އެއްޗެއް ނޫން ކަމަށް ދޭހަކޮށްދޭން، ބަޖެޓު ހުށަހެޅީ ގާނޫނުގައި ބުނާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އަދި، އޭނާ ގަބޫލުކުރަނީ ގާނޫނުގައި ބުނާ ހަމައިގެ ތެރެއިން ބަޖެޓު ހުށަހަޅަން ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މި އިއްޒަތްތެރި މެންބަރުން ނިންމާ ދެއްވާފައި އޮތް ގާނޫނުގައި އޮތް ގޮތަށް އަޅުގަނޑު ބަޖެޓު ހުށަހެޅި ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި، އަޅުގަނޑަށް ހީވަނީ ދެން ތިއްބެވި އެހެން އިންޑިޕެންޑެންޓް މުއައްސަސާތަކުން ވެސް ގަބޫލުކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބަޖެޓު ނުކޮށް ހަރަދުކުރަން ގެންގުޅޭ ފޯމިއުލާ ބަދަލުކުރީ، ޒަމީރު ވިދާޅުވި ގޮތުގައި، ޕްރޮޖެކްޓުތައް ރާވާ ގޮތާއި، ކުރިއަށްދާ ގޮތާއި، ހިންގާ ގޮތަށް މި ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، މިހާރު ވެރިކަން ކުރަމުން ދަނީ ރައީސް ރައްޔިތުން ގާތަށް ގޮސް ބޭނުންވާ ކަންކަން އޮޅުންފިލުވައިގެން، ރައްޔިތުން ބޭނުންވާ ޕްރޮޖެކްޓުތައް ހިންގާ ގޮތަށް ކަމަށެވެ.
"އެކަންތައް އެންމެ ރަނގަޅަށް ކުރެވޭ އެއް މެކޭނިޒަމް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާރު މި އޮތީ. އެއީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާ ރައްޔިތުން ކައިރިއަށް ގޮސް، އެ ތަންތާ ކުރަން ޖެހެނީ ކޮން ކަމެއްތޯ ކިހިނެއްތޯ ބަލާފައި އެއަށް ޕްރޮޖެކްޓު ފޯމިއުލޭޓުކޮށްގެން އެއަށް ބަޖެޓުގެ ތެރެއިން ހަރަދު ކުރީމައި، ފައިނޭންސްކޮށްގެން ކުރީމައި، އެ އޮތީ އެކަންތައް އެންމެ ރަނގަޅަށް ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ފިނޭންސުން މިހާރު ގެންގުޅޭ ފޯމިއުލާގެ ދަށުން، ބަޖެޓުގައި ނެތަސް ޕީއެސްއައިޕީގެ ދަށުން އޮތް ޖުމުލު އަދަދުގެ ތެރެއިން، ބަޖެޓު ކުރިއަށް ގެންދެވެ އެވެ. ވަޒީރު އެހެން ވިދާޅުވުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ.
މި އަހަރަށް ވެސް ޕީއެސްއައިޕީއަށް 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހެޅި އެވެ. ނަމަވެސް މި ބަޖެޓުން ކުރަމުންދާ ހަރަދު ފިނޭންސުގެ ރިޕޯޓުތަކުން ފެނުމުގެ އިތުރަށް، އެ ބަޖެޓު ބޭނުންކުރާ ގޮތެއް ނޭނގެ އެވެ.
ޒަމީރު ގަބޫލުކުރަނީ ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ބަޖެޓުގައި ހިމަނަން ނުޖެހޭ ކަމަށް ޒަމީރު ގަބޫލުކުރަނީ ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ބަޖެޓުގައި ހިމަނަން ނުޖެހޭ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ