ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ބަޖެޓުގައި ނުހިމަނަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ގެންދަން: ޒަމީރު

މި އަހަރުގެ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު އެއްވެސް ވަރަކަށް ނުހިމަނަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އިއްޔެ ވަނީ, އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ އިތުރުކުރާނެ ސިޔާސަތެއް، ޚަރަދު ކުޑަކުރާނެ ގޮތުގެ ތަފްސީލެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. https://sun.mv/213670 ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފްސީލުތައް އޮޑިޓާ ޖެނެރަލް އާ މިނިސްޓްރީން ހިއްސާކޮށްފައިވާ ކަމަށެވެ. ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ އެ ދާއިރާގެ ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫއުތަކަކީ ކޮބައިކަން ދެނެގަތުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ޒަމީރު ވިދާޅުވީ މި ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިމޭނެ ކަމަށެވެ. އެއާއެކު ބަޖެޓުގައި މަޝްރޫއުގެ ތަފްސީލު ނުހިމަނާތީ އެކި ގޮތްގޮތަށް މެންބަރުން ތަކުރާރުކޮށް ސުވާލުކުރެއްވުމުން ޒަމީރު އެންމެ ފަހުން ވަނީ މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން މަޝްރޫއުތަކުގެ ތަފްސީލު ނުހިމެނި ސަބަބު ހާމަކުރައްވައިފައެވެ. ޒަމީރު ވިދާޅުވީ މީގެ ކުރިން ކޮންމެ ރަށަކަށް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ބައްދަލުކުރެއްވުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި، ކައުންސިލްތަކަށް ވަޑައިގެން ނޯޓުކުރުން ފަދަ ކަންކަން އޭރުގެ ސަރުކާރުތަކުން އާންމުގޮތެއްގައި ނުކުރާ ކަމަށެވެ. "މި ޒަމާނަށް އައި ބަދަލާއެއްކޮށް މި އޮތީ ރައީސް މުއިއްޒުގެ ޒައާމަތުގައި ރައީސް މުއިއްޒު މި މަސައްކަތްކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް،" ޒަމީރު ވިދާޅުވިއެވެ، އޭނާ ވިދާޅުވީ ވެރިރަށް މާލެ ސަރަހައްދުގައި ތިބޭ ބަޔަކަށް ރަށެއްގެ ސިއްހީ މަރުކަޒެއްގައި ހުންނަ މައްސަަލަތަކެއް ނޭނގޭނެ ކަމަށާއި، އެ ސިއްހީ މަރުކަޒަކަށް ބަދަލު ގެންނަން އެނގޭނީ އެ ރަށަކަށް ސީދާ ގޮސް އެ ތަނުގެ ހާލަތު އަންދާޒާކުރެވުމުން ކަމަށެވެ. "އަޅުގަނޑުމެން އެންމެންގެވެސް އިއްޒަތްތެރި މެންބަރުގެ ވެސް އަދި ރައީސުލްޖުމްހޫރިއްޔާގެވެސް، ބޭނުންފުޅުވާ ގޮތަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ދިނުން، އެކަންތައް އެންމެ ރަނގަޅަށް ކުރެވޭ މެކެނިޒަމް މިހާރު އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވިދާޅުވިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެ އެކުލެވިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި މަޝްރޫއުތައް ހިންގާނެ މެކޭނިޒަމް ތަފާތުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ