އިނގިރޭސި ވަރުގަދަ ކުލަބުތަކަށް ރަނގަޅު ނަތީޖާއެއް ނުނެރެވި ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގެ ފުރަތަމަ ލެގުގެ މެޗުތައް ނިމިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16އިން އިނގިރޭސި ހަ ޓީމަށް ވަނީ ޖާގަ ލިބިފަ އެވެ. އެއީ އާސެނަލް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޓޮޓެންހަމް، ނިއުކާސްލް، އަދި ޗެލްސީ އެވެ.
ގަދަ 16ގެ ފުރަތަމަ ލެގު ނިމުނުއިރު އިނގިރޭސި އެންމެ ޓީމަކަށް ވެސް މޮޅެއް ހޯދިފައެއްނުވެ އެވެ.
ނާކާމިޔާބީގެ މި ސިލްސިލާ ފެށީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އިނގިރޭސި ކުލަބު ކަމަށްވާ ލިވަޕޫލުންނެވެ. ހޯމަ ދުވަހުގެ ރޭ ގަދަ 16ގެ ފުރަތަމަ މެޗުގައި ގަލަތަސަރާއީ އަތުން ލިވަޕޫލް ވަނީ 1-0އިން ބަލިވެފަ އެވެ.
އެއަށް ފަހު އަންގާރަ ދުވަހުގެ ރޭ ނިއުކާސްލް އާއި ބާސެލޯނާ ބައްދަލުކުރި މެޗު 1-1އިން އެއްވަރުވިއިރު، އެތުލެޓިކޯ މެޑްރިޑް އަތުން 5-2ގެ ނަތީޖާއަކުން ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ.
ރޭ ލެވަކޫސަން އާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. އެ މެޗުން އާސެނަލްއަށް ސަލާމަތްވެވުނީ ކިރިޔާ އެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް އާސެނަލްއަށް ޕެނަލްޓީއެއް ލިބުނުކަން އެއީ ނަސީބެކެވެ. ވީއޭއާރުގެ ސައްހަކަމާ މެދު ސުވާލު އުފެދުނު އެ ޕެނަލްޓީން ގޯލެއް ޖެހުނުކަން އެއީ އަދި ވަކިން ބޮޑު ނަސީބެކެވެ.
ދަންވަރު ކުޅުނު މެޗުތަކުގެ ނަތީޖާ އަދި މާ ގޯހެވެ. ޕީއެސްޖީ އާއި ޗެލްސީ ކުޅުނު މެޗު ނިމުނީ 5-2އިން ޕީއެސްޖީ ކުރި ހޯދައިގެންނެވެ. އަދި 3-0ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީގެ މައްޗަށް ރެއާލް މެޑްރިޑުން ހޯދީ ފަސޭހަ މޮޅެކެވެ.
ގަދަ 16ގެ ދެ ވަނަ ލެގަށް ނިއުކާސްލް ފިޔަވާ ދެން ހުރި އިނގިރޭސި ޓީމުތައް ނުކުންނާނީ އަމިއްލަ ދަނޑުގަ އެވެ. ތަފާތު ބޮޑު ނަތީޖާއަކުން ބައެއް ޓީމުތައް ބަލިވި ނަމަވެސް، ދެ ވަނަ ބުރުގައި ނަތީޖާ އަނބުރާލުމަކީ އެކަށީގެންވާ، އަދި މީގެ ކުރިން އެތައް ފަހަރަކު ޗެމްޕިއަންސް ލީގުން ފެނިފައިވާ ކަމެކެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16: އިނގިރޭސި ޓީމުތަކަށް ބަދުނަސީބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ