ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެފަޅިއަކަށް ހުންނެވިކަން ވަރަށް ސާފުކޮށް ފެންނަން ފަށައިފި އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ މާލޭގެ މޭޔަރުގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
އަންނަ އަހަރު މާޗު ފަހުކޮޅު ބާއްވާ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އަދި އިއުލާން ނުކުރި ނަމަވެސް އެ ޕާޓީން މިދިޔަ އޮގަސްޓު މަހު ވަނީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ޝައުގުވެރިވާ މީހުން ބެލުމަށް އިއުލާނެއްކޮށްފަ އެވެ.
އެ އިއުލާނުގެ ދަށުން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ދެ އާޒިމް އެކަންޏެވެ.
ތަފްސީލް - ދެ ބޭފުޅުންގެ ކެމްޕެއިން ވެސް އެތެރޭގައި ފައްޓަވާފައިވާއިރު އާދަމް އާޒިމްއަށް ތާއީދުކުރައްވާކަން ސޯލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒު މިދިޔަ ހުކުރު ދުވަހު ވަނީ އެކްސްގައި ޕޯސްޓްކުރައްވައިފަ އެވެ.
ނިޔާޒު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުން ސޯލިހު ބަލިވެ އެމްޑީޕީ ބޮޑު މާޔޫސް ކަމެއްގައި އޮއްވައި ޕީއެންސީ ސަރުކާރުގެ ފުރިހަމަ އާރާއިބާރުގެ މައްޗަށް އާދަމް އާޒިމް ކުރި ހޯއްދަވައި ކާމިޔާބު ކުރެއްވުމަކީ ވެސް އެމްޑީޕީއަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
"[އާދަމް އާޒިމް މޭޔަރުކަމުގައި ހުންނެވި ގާތްގަނޑަކަށް] 2 އަހަރުގެ ނަތީޖާ ރަނގަޅު. އިތުރު ދައުރަކަށް ތާއީދު،" ސޯލިހުގެ ކޮންމެ ނިންމެވުމަކާ އެކު ކުރިއަށް ވަޑައިގަންނަވާ ނިޔާޒު ލިއުއްވާފައިވެ އެވެ.
މީގެ އިތުރުން ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ވެސް އެންމެ އަރިހުގައި ހުންނަވާ އެއް ބޭފުޅަކީ ވެސް އާދަމް އާޒިމް އެވެ.
މިއަދު ނަޝީދު ވަނީ އަލީ އާޒިމްއަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އަލީ އާޒިމްގެ ފޮޓޯއަކާ އެކު ނަޝީދު ކުރެއްވި ޕޯސްޓްގައި ހަމައެކަނި ލިއުއްވާފައިވަނީ "މާލެ ސިޓީގެ މޭޔަރު ކަމަށް އަލީ އާޒިމް" އެވެ.
ފަސްމަންޒަރު - މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އެތެރޭގެ ޕްރައިމަރީގައި ނަޝީދު ނާކާމިޔާބުވެވަޑައިގަތުމާއެކު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން މަސައްކަތްކުރައްވަމުން ގެންދެވި އެވެ.
އެ ކޯޅުމުގެ ތެރެއިން އަލީ އާޒިމް ވަކިކުރުމަށް ވެސް އެމްޑީޕީން ނިންމި އެވެ. އެ ގޮތަށް ޕާޓީން ނިންމުމާ އެކު އަލީ އާޒިމް ހިމެނޭހެން ނަޝީދުގެ ވަފާތެރިން 'ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީއެއް ހަދައިގެން، އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ވެސް ނެރުނެވެ.
ނަމަވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްއަށް މާ ބޮޑު ކާމިޔާބީތަކެއް ނުލިބުމުން، ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގެ މުޅި ލީޑާޝިޕާއި ގިނަ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތެވެ.
އެނގުން މުހިންމު - އެމްޑީޕީގެ އެތެރޭގައި އަދިވެސް ނަޝީދާއި ސޯލިހުގެ ފެކްޝަން އޮތްކަން ސާފުކޮށް ފެނެ އެވެ. މި ފަހަރު ޝައުގުވެރިކަމަކީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މި ނަޝީދާ އެކު ހުންނަވާ ކަމެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި، ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު، ފައްޔާޒު ހުންނެވީ ސޯލިހާ އެކުގަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައިވަނީ ވެސް ފައްޔާޒު އެކަންޏެވެ. ނަމަވެސް ސޯލިހު ރިޔާސީ އިންތިހާބަށް ނެރުމަށް އެ މަނިކުފާނުގެ ޓީމުން ގެންދަނީ އެތެރޭގައި މަސައްކަތް ކުރަމުންނެވެ.
މާލޭ މޭޔަރުގެ ރޭހުގައި ނަޝީދާއި ސޯލިހު ދެފަޅިއަކަށް؛ ނަޝީދުގެ ތާއީދު އަލީ އާޒިމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ