ޗައިނާގެ ސީއެމްއީސީ ކުންފުނިން ފެންހިންދާ ޕަމްޕުތަކެއް ރާއްޖެއަށް ހަދިޔާކޮށްފި

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފިއެވެ.
މި ތަކެތި ރަސްމީކޮށް ހަވާލުކުރެއްވުމަށް ހުޅުމާލޭ ސެންޓަރަލް ޕާރކްގައި މިއަދު ބޭއްވި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނެވެ.
ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަދު ވަނީ ޖުމުލަ 6 ފެންހިންދާ ޕަމްޕް ހަވާލުކޮށްފައެވެ. މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެއެވެ.
މޫސުމީ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ފެންބޮޑުވެ، ވިޔަފާރިކުރާ ތަންތަނަށާއި ގެތަކަށް ފެންގަނޑުވަނުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ