އޯޑީއެސްއިން ރާއްޖޭގައި އަލަށް ޕްލާސްޓިކް ހުސް ފުޅި ގަންނަން ފަށައިފި

ހުސް ޕުލާސްޓިކު ފުޅި ގަންނަން ފަށައި އޯޑީއެސް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކްސްޓެންޑެޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ (އީޕީއާރު) ޕްރޮގުރާމެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮގްރާމުގެ ދަށުން އޯޑީއެސް އިން އަނބުރާ ގަންނާނީ އައްޑޫގައި ހުންނަ އެ ކުންފުނީގެ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީން އުފައްދާ 'ވަން' ބްރޭންޑްގެ ޕްލާސްޓިކް ހުސް ފުޅިތަކެވެ.
ތަފްސީލް - މި ފުޅިތައް ގަންނާނީ ފުޅިއަކަށް 33 ލާރީގެ މަގުން ނުވަތަ ފައިސާގެ ބަދަލުގައި ފަހުން ކުންފުނިން ތަކެތި ގަތުމަށް ގްރީން ޕޮއިންޓް ލިބޭ ގޮތަށެވެ.
އެ ކުންފުނިން ބަލައިގަންނާނީ:
ހުސް ސާފު އަދި ހަލާކުނުވާ ފުޅިތައް އެކަނި
ފުޅީގެ ލޭބަލާއި މަތިގަނޑު އަދި ނެކް ރިންގް ވެސް ހުންނަން ޖެހޭނެ 
ފެން ނޫން އެހެން އެއްވެސް އެއްޗެއް އެޅުމަށް ބޭނުންކޮށްފައިވާ ފުޅި މި ޕްރޮގުރާމްގެ ދަށުން ބަލައެއްނުގަންނާނެ
އޯޑީއެސްގެ އީޕީއާރު ޕްރޮގްރާމް ފަށާއިރު، ފުޅި ބަލައިގަންނާނީ ހަމައެކަނި ހިތަދޫގައި ހުންނަ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓްރީންނެވެ. ނަމަވެސް ޕްރޮގްރާމް ކުރިއަށްދާ ވަރަކުން ރާއްޖޭގެ އެހެން ރަށްތަކާއި ސިޓީތަކުން ވެސް ފުޅި ބަލައިގަންނަ ސެންޓަރުތައް ކަނޑައަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެނގުން މުހިންމު - ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓްރީ 2017ގައި ހުޅުވިއިރު، %100 ދިވެހި އެ ކުންފުނީގެ ވިޔަފާރި ފެށީ އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރާ 18.9 ލީޓަރުގެ ފެންފުޅިތަކުންނެވެ. މިއީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ޕުލާސްޓިކު ކުނި މަދުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މިއަދު އިފްތިތާހުކުރި އީޕީއާރު ޕްރޮގުރާމަކީ ވެސް އެ ކުންފުނީގެ އިޖުތިމާއީ ވިސްނުމާއި ތިމާވެއްޓާއި ވަށާޖެހޭ އިގުތިސޯދީ ލަނޑުދަނޑިތަކާ އެއްގޮތަށް ފެށި ޕްރޮގުރާމެކެވެ.
އޯޑީއެސްގެ އުންމީދަކީ، އެ ކުންފުނިން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ޒަރީއާއިން ތިމާވެއްޓަށް ޒިންމާވުމުގެ މިސާލު ދެއްކުމެވެ. އަދި ކުންފުނީގެ ހުރިހާ އުފެއްދުންތަކާއި ދޭ ހިދުމަތްތަކުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅުކޮށް، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ