ފަލަސްތީނުގެ ޒުވާން ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް ފަލަސްތީނުގެ ޒުވާން ޓީމަށް ރާއްޖޭން ވީއައިޕީ މަރުހަބާއެއް

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނުގެ ޓްރެއިނިން ކޭމްޕަކަށް މިއަދު ރާއްޖެ އައުމުން ވީއައިޕީން މަރުހަބާ ކިިޔައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ލައުންޖުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި އޮފިޝަލުންނަށް ވީއައިޕީން މަރުހަބާ ކިޔާފައިވާއިރު، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ބައިވެރިވެވަޑައިގެންނެވި އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ، ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް ސަރުކާރުން 546،000 ހަމަޖައްސާފައިވާ ކަމަށެވެ. އަދި، ޑެލިގޭޝަނުގެ ކަންކަން ހަމަޖެއްސުމަށް 16 މެމްބަރުން އެކުލެވޭ ޓާސްކްފޯހެއް އެކުލަވާލައިފައިވާ ކަމަށެވެ. އެ ގޮތުން، އެކުލަވާލި މި ޓާސްކްފޯހުގައި ހިމެނެނީ، ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން، އެފްއޭއެމާއި ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިޝަލުންނެވެ.
ފަލަސްތީން ޓީމުގެ މި ޓްރެއިނިން ކޭމްޕްގެ ތެރެއިން، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ފަލަސްތީނުގެ ޓީމުން ކުޅޭނެ އެވެ. އެއީ، މި މަހުގެ 13 އާއި 15 ވަނަ ދުވަހު އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއާ ޓިކެޓް ވިއްކުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ކޮންމެ މެޗެއްގައި ވެސް ވިއްކާނީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި ސްވެނިއާ ގޯލްޑް 200 ޓިކެޓް އެވެ.
އެފްއޭއެމް އިން ބުނީ މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީން ޓީމަށް ހަދިޔާ ކުރުމަށް ވަނީ ނިންމައިފައިވާ ކަަމަށެވެ.
ސްވެނިއާ ޕްލެޓިނަމް ޓިކެޓަކީ ވީވީއައިޕީ ރޮސްޓްރަމް އިން ޖާގަ ލިބޭ ގޮތަށް 1000 ރުފިޔާ އަށް ވިއްކާ ޓިކެެެޓެެވެ. އަދި، ސްވެނިއާ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރިން ޖާގަ ލިބޭ ގޮތަށް 500 ރުފިޔާ އަށް ވިއްކާ ޓިކެޓެވެ.
ރާއްޖޭގެ ކޭމްޕް ނިންމާލުމަށް ފަހު، ފަލަސްތީން ޓީމުން ކޮލިފައިން މެޗުތައް ކުޅެން ދާނީ އިންޑިއާ އަށެެވެ. އިންޑިއާގެ އަހުމަދުއާބާދުގައި ހޯސްޓްކުރާ ކޮލިފައިންގައި، ފަލަސްތީނުން ކުޅޭނީ އިންޑިއާ، އިރާން، ޗައިނީސް ޓައިޕޭ އަދި ލެބަނަންއާ ދެކޮޅަށެވެ. ރާއްޖޭގެ ކޮލިފައިން މެޗުތައް، ތައިލެންޑުގައި ކުޅޭއިރު، ދެން އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ