އެފްއޭއެމް އިން 52 މިލިއަން ރުފިޔާ ދެއްކުން ފަސްކުރުމުގެ އަމުރެއް އެފްއޭއެމް އިން 52 މިލިއަން ރުފިޔާ ދެއްކުން ފަސްކުރުމުގެ އަމުރެއް

ދެކުނު ކޮރެއާގެ ކުންފުންްޏެއް ކަމަށްވާ، ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް އަށް ފުޓްބޯލް އެފްއޭއެމް އިން ދައްކަން ޖެހޭ ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުމަށް ފިޔަވަޅެއް ނޭޅުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމްގައި ބުނެފައިވަނީ، އެފްއޭއެމް އާއި ޓީކުއިން ކޮންސްޓްރަކްޝަން ދެމެދުގައި، 20 މާޗް 2021 ގައި، އެއްބަސްވުމެއް ގާއިމްކުރެވުނު ކަމަށެވެ.
އެ ގޮތުން، ވެވުނު، އެ އެއްބަސްވުމުގެ ދަށުން ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ އަގުތަކުގެ ގޮތުގަޔާއި ހުޅުމާލޭގައި ކުރެވިފައިވާ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ އަގުގެ ގޮތުގަޔާއި އެފްއޭއެމް އިން އަންގައިގެން ގެނެވުނު ބަދަލުތަކުގެ އަގު އަދި މި މައްސަަލައިގެ ތެރޭގައި، ގާނޫނީ ކަންކަން ފުރިހަމަ ކުރަން ހިނގި ހަރަދުތަކުގެ ގޮތުގައި، ޓީކުއިން ކޮންސްޓްރަކްޝަން އިން ހުށަހެޅީ، އެފްއޭއެމް އަތުން ފަސް މިލިއަން، ނުވަ ލައްކަ އެގާރަ ހާސް ދުއިސައްތަ ޑޮލަރު ހޯދުމަށެވެ.
އެ މައްސަލަ ނިންމިއިރު، ކޯޓުން އެންގީ، ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެއް ވަނަ ދުވަހުން ފެށިގެން، އެއް މަސް ތެރޭ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ.
އެފްއޭއެމް އިން އެ ހުކުމް ތަންފީޒުކުރުން ފަސްކުރަން އެދި ހައި ކޯޓަށް ހުށަހެޅިއިރު، ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުނިންމުމެއް ކަމަށެެވެ. އަދި، މި މައްސަލައިގެ ދައުވާ ފޯމާއި ރައްދު ބަލައިގަތުމަށް ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުވެފައިނުވުމާއި މިކަންކަމާ ގުޅިގެން އެފްއޭއެމް އިން ސިވިލް ކޯޓަށް ފޮނުވާފައިވާ ކަންކަމަށް ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށް ވެސް އެފްއޭއް އިން ވަނީ ބުނެފަ އެވެ. އަދި، ޓީކުއިންގެ މި ދައުވާ އަކީ މަކަރާހީލަތުން ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް އެފްއޭއެމް އިން ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލައިގައި، ސިވިލް ކޯޓުގެ ހުކުމް އައިސްފައި އޮތް ގޮތުން އެފްއޭއެމްގެ އަސާސީ ހައްގެއް ނިގުޅައިގަނެވޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ހިމަނާފައިވެ އެވެ.
ހުކުމް ތަންފީޒުކުރުން ފަސްކުރަން އެފްއޭއެމް އިން އެދި ހުށަހެޅުމުން، އެ އަށް ރައްދެއް އޮތްނަމަ، އޮކްޓޫބަރު 29 އިން ފެށިގެން ތިން ދުވަސް ތެރޭގައި، ހުށަހެޅުމަށް ޓީކުއިން އަށް ކޯޓުން އެންގި ނަމަވެސް، އެ މުއްދަތު ހަމަވިއިރު، ޓީކުއިން އިން ރައްދެއް ހުށަހަޅާފައިނުވެ އެވެ.
މިއާ އެކު، ހައި ކޯޓުން މިއަދު ނިންމީ އެ ކޯޓުގައި އޮތް ގަޒިއްޔާއާ މެދު ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުން ކޮށްފައިވާ ފައިސާ ދައްކަން އެންގި ހުކުމް ތަންފީޒްކުރުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ