ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ތަކަށް އިންވެސްޓުކޮށްގެން ލުއިތަކެއް ލިބޭ ގޮތަށް އެސްއީޒެޑް ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އަދި އެސްއީޒެޑް ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ނިންމާލީ ވަރަށް އަވަސްކޮށްލައިގެންނެވެ.
ކޮމިޓީގެ މަސައްކަތް އެއް ދުވަހުން ނިންމާލުމަށްފަހު، އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ބިލު ހުށައެޅުމުގެ ބޭނުމަކަށް އޮތީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.
މުހިންމު ނުކުތާތައް:
ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ ހާއްސަ ޝަރުޠުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ ފަސްސަތޭކަ މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށް ވުން
ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް، ޒޯނުގައި ގާއިމްކުރުން
ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ 'ލާޖް-ސްކޭލް ރިއަލް އެސްޓޭޓް' ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމްކުރުން
އެފަދަ ޒޯނުތަކުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރަން ގާއިމްކުރާ އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކީ 'ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ' ވަސީލަތްތަކަށް ވުން
ޒޯނު ހިންގަން ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 އަކީ އިޔާދަކުރަނިވި ހަކަތައަށް ވާން ޖެހޭނެ
މީގެ އިތުރުން މަޖިލީހުން ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އިދިކޮޅުގެ ފާޑުކިޔުން އަމާޒުވި، އިންވެސްޓަރުންނަށް ލިބިދެވޭ ޓެކްސް ލުއިތައް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން:
ސްޓްރާޓާ އުސޫލުން ދިގު މުއްދަތައް ވިލާތައް ވިއްކާފައި ދައްކަން ޖެހޭ ޕްރޮޕަޓީ ޓެކްސް ފުރަތަމަ ފަށާއިރު ވަރަށް ކުޑަކޮށް؛ އެއީ ފުރަތަމަ މުއަމަލާތުން %1، ދެވަނަ މުއާމަލާތުން %2 އަދި ތިން ވަނަ އަދި އޭގެ ފަހުން ކުރާ ކޮންމެ މުއާމަލާތަކުން %4
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްއަށް ވެސް ލުއިދިނުމަށް ހިމަނާފައިވޭ؛ އެއީ، ފުރަތަމަ10 އަހަރަށް %5، އޭގެ ފަހުން20 ވަނަ އަހަރުގެ ނިޔަލަށް %10، އަދި 21 އަހަރު ފަހުން ނަގާނީ ގާނޫނުގައި އެހެން ހިދުމަތްތަކުންވެސް ޓެކްސް ނަގާ ރޭޓުން
ޒޯނުގައި ތަރަައްގީކުރުމަށްޓަކައި އެތެރެ ކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާ ވާނެ
ޒޯނުގައި ތަރައްގީކުރާ ރެސިޑެންޝަލް ވިލާއެއް ނުވަތަ ކޮޓަރިއެއް ވިއްކައިގެން ލިބޭ ފައިދާއިން ޓެކްސް ނެގުން އިސްތިސްނާ ވާނެ
މި އިސްލާހަށް މިއަދު އަމަލުކުރަން ފަށާނެ އެވެ.
ޓެކްސް ލުއިތަކާ އެކު އެސްއީޒެޑް ގާނޫނުގެ އިސްލާހު ތަސްދީގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ