ފެނުގެ ނެޓްވޯކަށް ބޮޑެތި މައްސަލަތަކެއް ދިމާވެ، ފެނުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން ފުވައްމުލައް ސިޓީ ފެނަށް ޖެހިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން ހިންގާ ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މައްސަލަ ދިމާވެ، އެ ރަށުން ފެން ކަނޑަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަގައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާ ތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.
އެކަމާއި ގުޅިގެން ފުވައްމުލަކު ފެނުގެ ސާމްޕަލް ނަގައިގެން މާލެ ގެނެސް ބެލި ބެލުމުގައި، އެ ރަށުގެ ފެން ވަރަށް ބޮޑަށް ތަގައްޔަރު ވެފައިވާކަން އެނގިފައިވާ ކަމަށް ވެސް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
މި މައްސަލަތައް ކުރިމަތިވެފައިވަނިކޮށް، މިއަދު މެންދުރުފަހު ފުވައްމުލަކުން ފެން ކަނޑާލީ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ބޮޑު ލީކެއް އުޅޭތީ ކަމަށް ބުނެ ފެނަކައިން ބަޔާނެއް ނެރުމަށްފަހު އެވެ. މެންދުރުފަހު 1:00 ގައި ފެން ކަނޑާލުމަށްފަހު ފެނަކައިން ބުނީ މިރޭ އިރުއޮއްސި 6:00 ގައި ފެން ލިބޭނެ ކަމަށެވެ. ނަމަވެސް އަދި ވެސް ފުވައްމުލަކަށް ފެން ދޫކޮށްފައެއް ނުވެ އެވެ.
މިރޭ ފެނަކައިން ނެރުނު އިތުރު ބަޔާނެއްގައި ބުނީ ފެން ތަގައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ. އެހެންކަމުން ފެން ބޭނުންކުރުން ހުއްޓާލުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފެން ކަނޑާލުމާއި ގުޅިގެން ފުވައްމުލަކުގެ ރައްޔިތުން ވަނީ އެ ރަށުގައި ހުރި ފިހާރަތަކުގައި ހުރި ބޯފެން ގިނަ އަދަދަކުން ގަނެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ރަށު ފިހާރަތަކުގައި ހުރި ފެނުގެ ބޮޑު ބައެއް ހުސްވެ އައްޑޫއިން ފެން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފެން ކަނޑާލުމާއި ގުޅިގެން ފުވައްމުލަކު ފެނަކައިގެ އިސްވެރިންނާއި އެ ސިޓީގެ ކައުންސިލްގެ މެންބަރުން މިހާރު ދަނީ ބައްދަލުވުމެއް ބާއްވަމުންނެވެ.
ފެނުގެ ނެޓުވޯކަށް ބޮޑެތި މައްސަލަތަކެއް ދިމާވެގެން ފުވައްމުލައް ފެނަށް ޖެހިއްޖެ! ފެނުގެ ނެޓުވޯކަށް ބޮޑެތި މައްސަލަތަކެއް ދިމާވެގެން ފުވައްމުލައް ފެނަށް ޖެހިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ