އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗަށް މިއަދު ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި ބައިވެރިނުވެ، ފުޓްސަލް މުބާރާތެއް ކުޅެން ދިޔަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ސްކޮޑުން ބާކީކޮށްފި އެވެ.
މި މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އޭޝިއަަން ކަޕްގެ ކޮލިފައިންގައި ގައުމީ ޓީމުން ކުޅޭ މެޗަށް މިއަދު ހަވީރު ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. އެފްއޭއެމުން 25 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި، މިއަދު ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި އައިހަމް ބައިވެރިނުވެ، މިރޭ ވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގައި ކުޅެފަ އެވެ.
އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުއްދަ ހޯދުމެއްނެތި ފުޓްސަލް މުބާރާތެއްގައި އައިހަމް ކުޅެފައިވާއިރު، މިއަދުގެ ޕްރެކްޓިސް ސެޝަނުގައި ވެސް ބައިވެރިނުވާތީވެ، ގައުމީ ސްކޮޑުން ބާކީކުރަން ނިންމާފައިވާ ކަމަށެވެ.
"އެފްއޭއެމް އިން އެދެނީ ގައުމީ ޓީމުގައި ހިމެނި ގައުމު ތަމްސީލްކުރާ ކުޅުންތެރިންގެ ފަރާތުން ޒިންމާދާރުކަމާ އެކު ޕްރޮފެޝަނަލް ކަމުގެ އެންމެ ރަނގަޅު މިންގަނޑުގެ ތެރެއިން ކަންކަން ކުރުމަށް،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
ދާދި ފަަހުން ނިމިދިޔަ ކްލަބް މޯލްޑިވްސް ކަޕްގައި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ކުޅެން ހުއްދަ ނުދޭން ވެސް އެފްއޭއެމް އިން ނިންމި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުން ފެށިގެން ގަވާއިދުން ޖާގަ ހޯދަމުން އަންނަ އައިހަމް ވަނީ، މިދިޔަ މަހު ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ހއ. އުތީމަށް އުފަން އައިހަމް އަކީ މި ވަގުތަށް ބަލާއިރު، ރާއްޖޭގައި އެންމެ ހަލުވި ދުވެއްޔެއްގައި، ކުރިއެރުން ހޯދަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ.
އައިހަމްގެ ބަދަލުގައި، ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިއެއްގެ ނަން އަދި އިއުލާނުކޮށްފައިނުވާއިރު، މި ސީޒަނުގައި އޮޑި ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުޒްދާން ހަސަން އަށް ސްކޮޑުން ޖާގަ ލިބިފައިނުވާތީވެ، އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ގައުމީ ޓީމު ޕްރެކްޓިހަށް ނައިސް ފުޓްސަލް ކުޅެން ދިއުމުން އައިހަމް ޓީމުން ބާކީކޮށްފި ގައުމީ ޓީމު ޕްރެކްޓިހަށް ނައިސް ފުޓްސަލް ކުޅެން ދިއުމުން އައިހަމް ޓީމުން ބާކީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ