ހަފުތާ ބަންދުން ފެށިގެން ވައި ސާފުވާން ފަށާނެ: މެޓް

މި ހަފުތާ ނިމޭއިރު މެދުރާއްޖެތެރެއާއި ދެކުނަށް ވައި ސާފުވާނެ ކަމަށާއި، ނަމަވެސް އުތުރުގެ ރަށްތަކަށް އަދިވެސް ވައި ނުސާފުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ލަފާކޮށްފިއެވެ. ވައި ސާފު މިންވަރު ދައްކައިދޭ އައިކިއުއެއާގައިވާ ގޮތުން، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 62ގައެވެ. މާނައަކީ ވައިގެ ކޮލިޓީ މިއަދު ހުރީ ރީނދޫ ސަމާލުގައި ކަމެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މާލެ ސަރަހައްދަށް ވައި ސާފުވާނެއެވެ. ހަމަ އެހެންމެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީގެ ވައިވެސް ސާފުވާނެ ކަމަށް، އައިކިއުއެއާއިން ދައްކައެވެ. މިއަދު މެޓް އޮފީހުން 'ސަން'އަށް ބުނީ، މެދުރާއްޖެތެރެއާއި ދެކުނަށް ހަފުތާ ބަންދުގެ ތެރޭގައި ވައި ސާފުވާނެ ކަމަށެވެ. ނަމަވެސް އުތުރުގެ ރަށްތަކަށް ވައި އުޅޭނީ ނުސާފުކޮށް ކަމަށް މެޓުން ބުންޏެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވައިސާފުވުމާއެކު، ހަތް ކިލޯމީޓަރާއި އަށް ކިލޯމީޓަރާ ދެމެދަށް ދުރު ފެންނާނެ ކަމަށް މެޓުން ބުންޏެވެ. އަދި އުތުރުގެ ރަށްތަކަށް ދުރު ފެންނާނީ ތިން ކިލޯމީޓަރާއި ހަތަރު ކިލޯމީޓަރާ ދެމެދަށް ކަމަށް، އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ޖުމުލަ ގޮތެއްގައި ހުރިހާ ސަރަހައްދަކަށް މޫސުން ރީތިވިޔަސް، އުތުރު ސަރަހައްދުގައި ކެރި ކުޑަކޮށް އުޅޭ ކަމަށް، މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ބުނީ، މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކުގައި އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ 37 ޑިގްރީ ސެލްސިއަސްއާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދު ކަމަށެވެ. ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމާއި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ