އިންތިހާބީ ކަލަންޑަރަށް ބަދަލު ގެނައުން އޮތީ ރައްޔިތުންގެ އަތްމަތީގައި!

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އިންތިހާބީ ކަލަންޑަރަށް ބަދަލުގެނައުމަށް ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް 4، ގަ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވެސް ވޯޓު ނަގާ ދުވަހެވެ. ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.ފެންނަ ނުފެންނަ ވޯޓުގައި އަހާނީ ކޮން ސުވާލެއް؟މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގަ އެވެ.އިންތިހާބީ ކަލަންޑަރަށް ބަދަލު ގެނައުމަށް ސިޔާސީ ޕާޓީތަކުން ދެކެނީ ކިހިނެތް؟ޕީއެންސީ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އޭރުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ."ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ވެސް ދައްކާ ގޮތުގައި، އެންމެ ގިނަ ރައްޔިތުން ވޯޓުލަނީ ރިޔާސީ އިންތިހާބުގައިކަން އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ރައްޔިތުން ވޯޓުލާފައި ވަނީ. ނަމަވެސް މަޖިލިސް އިންތިހާބުގައި 10-12 ޕަސެންޓް މީހުން މަދުން ވޯޓުލަނީ. އެކަމަކު ރައްޔިތުންގެ މަންދޫބުން ހޮވަންށޭ މި އުޅެނީ،" ރައީސް ވިދާޅުވި އެވެ.ރައީސްގެ ވާހަކަފުޅުތަކަށް އެޕާޓީގެ ލީޑަރޝިޕުން އަންނަނީ ތާއީދުކޮށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގާތު އެދެމުން ނެވެ.އެމްޑީޕީ - ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. ކ. މާފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނިމުނު އެމްޑީޕީ ވެރިކަމުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ސޯލިހު ވިދާޅުވި ގޮތުގައި އެއީ ގޮތް ނޭނގޭ ގޮތެއްގައި ނަގަން އުޅޭ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން ނުކުންނާނެ ނަތީޖާ ރައްޔިތުންނަށް ބަޔާންކޮށްދޭން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ."ވެރިޔަކު ވެރިކަމަށް މި އަންނަނީ ރައްޔިތުންނަށް ވައުދުތަކެއް ވެ، މެނިފެސްޓޯއެއް އެކުލަވާލައިގެން. މިހާރު ވެރިކަމުގައި މި ހުންނެވި ރައީސް މުއިއްޒުގެ އެ ވައުދު ފޮތުގައި އެކަން އެބައޮތްތޯ؟،" ސޯލިހު ސުވާލު އުފެއްދެވި އެވެ.ވެރިކަމަށް ވަޑައިގަތުމަށް ފަހު ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް މުއިއްޒު އެފަދަ ވާހަކައެއް ދައްކަވާފައި ނުވާކަން ސޯލިހު ފާހަގަކުރެއްވި އެވެ."ފަސް އަހަރު ދުވަހަށް އިންތިހާބު ކުރެއްވި ބޭފުޅުން މި ތިއްބެވީ. އޭގައި ދެއްކިތޯ މި އިންތިހާބު ކުރަނީ ހަތަރު އަހަރާއި ހަ މަސްދުވަހަށޭ. އެ ވާހަކައެއް ވެސް ނެތް. ހަމަ ހިތަށް، ވިސްނުމަށް އައީމައި އެކަން ކޮށްލަން ގެނެސްފައި އެ އޮތީ،" ސޯލިހު ވިދާޅުވި އެވެ.ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް މީގެ ކުރިން ވިދާޅުވެފައިވީ ނަމަވެސް އެކަން ބަދަލު ކުރައްވައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އެމްޑީޕީން ދެކޮޅު ހަދަން ނިންމާފައިވާ ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކަން ހާމަކުރައްވައިފަ އެވެ.އެމްޑީޕީގެ މިހާރުގެ އަދި ކުރީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ގުރޫޕަކަށް ނަޝީދު މިފަހުން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި އެ ޕާޓީގެ ނިންމުމަށް އެ މަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމަށެވެ. އެމްޑީޕީން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ކަން ހާމަކޮށް، އެކަމަށް ނަގާ ވޯޓު ހުއްޓުވަން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. "ރިފަރެންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އަށް ކުރާ ހަރަދު ބޮޑެއް ނޫން ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސް ނިޒާމު ގާއިމްކޮށް، ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުވުން ކަމަށެވެ. މިއަދު ޓެކްސް އާމްދަނީ ހުރީ 30 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވަނީ ހަރަދުބޮޑުވެގެން އެއްކޮށްލާ ނަމަ އެއްކޮށްލާނީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލައި، ދައުރުގެ މެދު ތެރެއިން މަޖިލިސް އިންތިހާބު ބާއްވަން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ."ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުކުޑަވާނެ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް އިއްޒަތްތެރި ރައީސް. ޕަބްލިކް ވޯކްސް އަށް މިއަދު ވެސް އެބައޮތް 500 މީހުން ވައްދަން އިއުލާނުކޮށްފައި. އެއީ 72 މިލިޔަން ރުފިޔާ އަހަރަކު ހަރަދުވާނެ ކަމެއް،" ޣަފޫރު ވިދާޅުވި އެވެ.އެމްޑީއޭ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން އިން ވެސް ތާއީދު ކުރެ އެވެ. އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށެވެ."މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ،" އެމްޑީއޭއިން ނެރުނު ބަޔާނުގައިވެ އެވެ.އެމްޑީއޭއިން ބުނީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ގައުމުގެ ކުރިއެރުމަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.އެހެންވެ، ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބާއްވަން ސަރުކާރުން ނިންމި ނިންމުމަށް އެމްޑީއޭއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި، ޚަރަދު ކުޑަކޮށް، އިގުތިސާދު ވަރުގަދަކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރަން އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.ޖުމްހޫރީ ޕާޓީ - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ސަރުކާރުގެ ސްޑޭންޓް ދިފާއު ކޮށްފަ އެވެ. ގާސިމް ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އޭގެ ފައިދާ ބޮޑީ ރައްޔިތުންނަށް ކަމަށެވެ. ޓެކްސް ފައިސާ އިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އޭގެ ސަބަބުން ކުޑަވާނެ ކަމަށެވެ. ނިންމުންދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހަރަދުކުޑަ ނިޒާމަކުން ހިންގުންތެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސީ މަގްސަދެއްކަން ވެސް ގަބޫލުކުރަންޖެހެ އެވެ. އެހެން ނަމަވެސް، މިފަދަ ކަންބޮޑުވުންތަކަށް އޮތް އެންމެ އެކަށީގެންވާ ހައްލަކީ އިންތިހާބީ ކަލަންޑަރަށް ބަދަލު ގެނައުންތޯ، މިއީ ފުންކޮށް ވިސްނާލަންޖެހޭ ސުވާލެކެވެ. އިންތިހާބުތަކަކީ ހަމައެކަނި އިދާރީ ގޮތުން ހިންގާލެވޭ ކަންތައްތަކެއް ނޫނެވެ. އެއީ ދައުލަތުގެ ތެރޭގައި ސިޔާސީ ބާރުތައް ބެހިގެންދާނެ ގޮތް ކަނޑައެޅުމުގައި ރައްޔިތުން ބައިވެރިވާ އެންމެ މުހިންމު ވަސީލަތެވެ.ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، ސަރުކާރުން ބޭނުން "ވިޔަސް" އަދި އިދިކޮޅު ޕާޓީތަކުން ބޭނުން "ނުވިޔަސް" އިންތިހާބީ ކަލަންޑަރަށް ބަދަލު ގެނައުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި! އެވެ. ގާނޫނު އަސާސީގެ 4 ވަނަ މާއްދާގަ ބުނަނީ "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ