އިންޑިއާއިން އެންގޯލާއަށް ރޭލު ސަޕްލައިކުރެވިދާނެ: އިންޑިއާގެ ރައީސް

އެންގޯލާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ އިންޑިއާގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން އިންޑިއާގެ ރައީސާ ޑްރޮޕުޑީ މުރްމޫ އެންގޯލާއަށް އިއްޔެ ވަޑައިގެންފިއެވެ.
އެންގޯލާގެ ވެރިރަށް ލުއާންޑާ ގައި އެގައުމުގެ ރައީސް ޔޮއާއޯ މެނުއަލް ގޮންކަލްވޭޒް ލުރެންޗޯ އާއެކު މުރްމޫ ވަނީ ރަސްމީ ވާހަކަތައް ބާއްވަވާފައެވެ. މި މަޝްވަރާތަކުގައި، އިންޑިއާއިން ރޭލު ޓެކްނޮލޮޖީގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، އެންގޯލާއަށް ރޭލު ފޯރުކޮށްދިނުމަކީ އިންޑިއާއަށް ކުރެވިދާނެކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިކަމާއި ބެހޭ ތަފްސީލީ މަޝްވަރާތަކެއް ދެ ރައީސުން ކުރެއްވިއެވެ.
މީގެ އިތުރުން ދެޤައުމުންވެސް ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކޮށް، މައުލޫމާތު ބަދަލުކުރުމަކީ ދެޤައުމުގެވެސް އާބާދީގެ ބޮޑު ނިސްބަތެއްކަމަށްވާ ޒުވާނުންގެ ކުރިމަގަކަށް މުހިއްމުކަމެއްކަމަށް އިންޑިއާގެ ރައީސާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ އެނަރޖީ ސެކިރުޓީގައި އެންގޯލާއިން އަދާކުރާ ދައުރާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެންގޯލާއިން ނަގާ ތެލާ ގޭހުގެ ބޮޑު ބައެއް އިންޑިއާއިން ގަންނައިރު، އެންގޯލާގެ ތެލާއި ގޭހުގެ ސިނާޢަތުގައި އިތުރަށް އިންވެސްޓްކުރުމަށް އިންޑިއާގެ ކުންފުނިތަކުން ޝައުގުވެރިކަން ހުރިކަމަށް ރައީސާ މުރްމޫ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެކިއެކި ދާއިރާތަކުން ދެޤައުމުން އިސްކަން ދޭ ކަންކަމާއި ބެހޭ ގޮތުން ދެޤައުމުގެ ރައީސުން މަޝްވަރާކުރައްވައި، ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާ ދާއިރާތަކާ ބެހޭ ގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ