ދިރާގުގެ ތިން ވަނަ ޑޭޓާ ސެންޓަރު ވެލިދޫގައި ހުޅުވައިފި
ދިރާގުން އެ ކުންފުނީގެ ތިން ވަނަ ޑޭޓާ ސެންޓަރު ނ. ވެލިދޫގައި ހުޅުވައިފިއެވެ. އަތޮޅުތެރޭގައި ދިރާގުން ހުޅުވި ފުރަތަމަ އެފަދަ ސެންޓަރު ހުޅުވައިދެއްވީ، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިނެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާންސްޓަކްޗާ އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ޚިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާކުރުމުގައި ހާސިލުކޮށްފައިވާ އިތުރު ލަނޑުދަނޑިއެއް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ، މި ސެންޓަރަކީ، ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާއިމުކޮށްފައިވާ ސެންޓަރެއް ކަމަށެވެ. އެގޮތުން، މި ސެންޓަރުގެ އެހީގައި، މި ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނާ ގާތުގައި ޑޭޓާ ރައްކާތެރި ކުރުމަށް މަގު ފަހިވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، މި ސެންޓަރު ހުރުމުން، ކްލައުޑް ބޭސްޑް ޚިދުމަތްތަކާއި އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއި ފަސޭހަތައް ލިބޭނެ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ދިރާގުން ފާހަގަކުރިއެވެ. އަދި، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ލިބޭނެ ކަމަށް ބުނެފައިވެއެވެ. ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ ހަތަރެއް ސެޓްފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުމާލޭގައި ހުޅުވާފައެވެ. މިއީ، އަޕްޓައިމް އިންސްޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅާ އެންމެ މަތީ މިންގަނޑު ކަމަށް ދިރާގުން ބުނެއެވެ. އެ ކާމިޔާބީއެކު ދެމެހެއްޓެނިވި ތަރައްގީއާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރާކަން ދިރާގުން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ