ބައެއް މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް އެމީހުން ވައްދާ މައްސަލައަށް އީފާސް ނިޒާމާއެކު ދާއިމީ ހައްލު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން މިހެން ވިދާޅުވީ އެކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު އެ ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ކަމަށެވެ. އެގޮތުން "ސިމެދަ" ޕޯޓަލް ތަޢާރަފުކޮށް، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ފަސޭހަކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.
އެ ޕޯޓަލާއެކުވެސް ޕާޓީތަކަށް ބައެއް މީހުންނަށް ނޭނގި އެ މީހުން ވައްދާ މައްސަލަ ކޮމިޝަނަށް ލިބެމުން އައި ކަމަށާއި އީފާސްގެ ތެރެއިން ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން ބަދަލުކުރީ އެކަން ހައްލު ކުރުމަށް ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ މީގެ ކުރިން ޕާޓީތަކަށް ވައްދާ މީހުންގެ ފޯމުތަކުގެ ސައްޙަކަން ކަށަވަރުނުކުރެވެނީ ޕާޓީތަކުގެ ހަރަކާތްތައް މުޅި ރައްޖޭގައި ހިންގާއިރު އެކަންްކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް އީފާސް ތެރެއަށް ނިޒާމު ބަދަލު ގެނައި ފަހުން ނޭނގި ރަޖިސްޓްރީކުރުމުގެ ޝަކުވާއެއް ނާދޭ. އަދި އަޅުގަނޑުމެން ގަބޫލުކުރަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ހަމައަށްވެސް ނާންނާނެކަމެއް. އަޅުގަނޑުމެން ދޭ ޔަގީންކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީއެއް ނުކުރެވޭނެކަން. އެއް ޕާޓީން އަނެއް ޕާޓީއަކަށްވެސް ނުކުރެވޭނެކަން،" އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވަކިވާން އެދޭ މީހުންނަށް މީގެ ކުރިން އެ ޕާޓީއަކަށް ހުށަހަޅައިގެން ވަކިވާންޖެހޭއިރު މިހާރު އީފާސްގެ ތެރެއިން އެކަމަށްވެސް ހައްލު ލިބިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، ޕާޓީތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން ކޮންމެ މީހަކަށްވެސް ބޭނުންވަގުތަކު އީފާސް މެދުވެރިކޮށް މިހާރު ސިޔާސީ ޕާޓީތަކުން ވަކިވެވޭނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައިވެސް ސިޔާސީ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގައި ޕާޓީތަކާއި އާންމު މެންބަރުންނަށް ދިމާވާ ދަތިތަކަށް ޤާނޫނުގެ ތެރެއިންނާއި ޤަވާއިދުގެ ތެރެއިން ހައްލުތައް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެ ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
"ނޭނގި ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ ހައްލުވެއްޖެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ