ރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.
ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓާ އަމީން ވިދާޅުވީ އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި ހަވަނަ ގައުމެވެ. މީގެ ކުރިން ރާއްޖެއިން ވަނީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އެއާލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން، އެފްރިކާ ބައްރުގެ އެންމެ ބޮޑު އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އިތިއޯޕިއަން އެއާލައިންސްއިން އެ ގައުމުގެ ވެރިރަށް އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އަމީން ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންއިން އިތިއޯޕިއާއަށް ސީދާ ދަތުރުތައް ކުރުމަށް ވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެގެންދާނެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމާއެކު އިގުތިސާދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން އަމީން ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ އިޤުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިތުރުކުރެވުނު މުހިންމު ބޮޅެކެވެ. އަދި މިއީ ބައިނަލްއަގުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ވިލުންވެރި ވައިގެ ދަތުރުފަތުރުގެ ސިނާޢަތެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ހާސިލުވަމުންދާ ނަތީޖާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ހަބް އެއާޕޯޓްތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އަމީން ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ސިނާއަތަށް އިތުރު ފުރުސަތުތަކެއް ހުޅުވި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ