ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ، ރާއްޖޭގެ ފުރަތަމަ އަންހެން ޑޮކްޓަރު އައިޖީއެމްއެޗާ ގުޅިއްޖެ

ފުއްޕާމޭގެ ބަލިތަކާ ބެހޭ ރާއްޖޭގެ ފުރަތަމަ އަންހެން ޑޮކްޓަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޓީމާ ގުޅިއްޖެއެވެ. އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ، ޑރ. ފަރާހަތު މޫސާ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމާ ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޑރ. ފަރާހަތުގެ ތަޖުރިބާއާއި މަސައްކަތަށް ބަހައްޓަވާ ފަރުވާތެރިކަމުގެ ސަބަބުން، ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު އިތުރަށް ހަރުދަނާވެ، ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. https://x.com/igmhmv/status/2079544015389954070 ޑރ. ފަރާހަތު އެމްބީބީއެސް ފުރިހަމަކޮށްފައި ވަނީ ޗައިނާއިންނެވެ. އަދި އިންޓާންޝިޕްގެ ތަމްރީނުތައް ފުރިހަމަކުރީ ބަންގްލަދޭޝްގައެވެ. އޭގެ ފަހުން އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމަންޓުގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަހު ވަނީ މަސައްކަތްކޮށްފައެވެ. އޭގެފަހުން 2022 ވަނަ އަހަރު މި ދާއިރާއިން ސްޕެޝަލިސްޓަކަށް ވުމަށް ކިޔަވަން ފަށާފައި ވާއިރު، ކޯސް ފުރިހަމަކޮށްފައި ވަނީ ބެލަރުސްއިންނެވެ. ނޭވާލުމުގެ ބަލިތައް މިފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަކަން ސިއްހީ މާހިރުން ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ޑޮކްޓަރަށް ދައްކާ މީހުން ނިސްބަތުން އިތުރުވެފައި ވާއިރު، ފަރުވާ ހޯދުމަށް އެދޭ ބަލީމީހުންގެ ކިއު ދިގުވެ، އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ލިބުމުގައި ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން ފުއްޕާމޭގެ ބަލިތަކަށް ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޭނުންވެފައެވެ. މި ދާއިރާއިން ރާއްޖޭގައި މީގެ ކުރިން ފަރުވާ ދެމުންދިޔައީ ދިވެހި ތިން ޑޮކްޓަރުންނެވެ. އަދި ޑރ. ފަރާހަތު ޚިދުމަތަށް ނުކުތުމާއިއެކު މި ދާއިރާގައި ދިވެހި ޑޮކްޓަރުންގެ އަދަދު މިވަނީ ހަތަރަކަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ