ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ޝެޑިއުލް ދަތުރުތައް ފެށުމަށް މަގުފަހިކުރުމުގެ ގޮތުން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެވެ. އިތިއޯޕިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ޑައިރެކްޓަރ ޖެނެރަލް ޔޯހަންސް އަބޭރާ ބެލެޓޭ އެވެ.
މި އެއްބަސްވުމާއެކު އިތިއޯޕިއާ ވެގެން ގޮސްފައިވަނީ ރާއްޖެއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ގާއިމުކުރި އެފްރިކާގެ ހަވަނަ ގައުމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އިތިއޯޕިއަން އެއަރލައިންސުން އެ ގައުމުގެ އެޑިސް އަބަބާއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތަރުތީބުވެގެންދާނެއެވެ. އަދި މުސްތަގުބަލުގައި ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނަށްވެސް އިތިއޯޕިއާއަށް ދަތުރުތައް ކުރުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ހުޅުވިގެންދާނެއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ވައިގެ މަގުން ގުޅާލެވޭ ގުޅުންތައް ވަރުގަދަވެ، ފަތުރުވެރިކަމާއި ވިޔަފާރީގެ އިތުރުން އިގްތިސާދީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށެވެ. އެފްރިކާގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އިތިއޯޕިއަން އެއަރލައިންސުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މީގެ ސަބަބުން އެޑިސް އަބަބާގެ ބޮޑު ނެޓްވޯކް މެދުވެރިކޮށް އެފްރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ފުޅާކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުތައް ތަފާތުކުރުމަށާއި، އިގްތިސާދީ ކުރިއެރުން ހޯދުމަށް ގެންގުޅޭ ދިގު މުއްދަތުގެ އުސޫލުތަކުގެ މުހިންމު ބައެކެވެ. މީގެ އިތުރުން، މި ފަދަ އެއްބަސްވުންތަކުގެ ސަބަބުން ސަރަހައްދީ އެވިއޭޝަން ހަބެއްގެ ގޮތުގައި ރާއްޖެ އޮތް މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ